ޚަބަރު

މިނިސްޓަރ އަމީން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނާ މައްސަލަ ކޮމިޓީއަށް


ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއި ހަވާލުކުރީ ޑަބުލިޔުއެޗްއޯގެ ލަފާގެ މަތިންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ސައްހަނޫން މައުލޫމާތު ދެއްވިކަމަށް ތުހުމަތުކުރައްވައި އެމައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަވާ އެންގެވުމުގެ ތެރެއިން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީީދު ވިދާޅުވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީނު، މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދުބާއީ ގެ ކުންފުންޏާއި ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އޮފިސަރާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯގެ އޮފިސަރާއި މަޝްވަރާކޮށް އަގުބެލުމަށް ފަހުކަމަށް ބަޔާންކުރާކަމަށެވެ. ނަމަވެސް ޢޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ދެއްވި މަޢުލޫމާތުގައި ހެލްތު މިނިސްޓަރ މަޖިލީހުގެ އިމްތިޔާޒަށް އެރުއްވުން ފާހަގަކުރެއްވޭތީ އެމައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


"75 ވެންޓިލޭޓަރު ހޯދުމަށް ދިވެހިރާއްޖޭގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑަބްލިއުއެޗްއޯ އޮފިސަރ މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގު ބެލުމަށްފަހު ޑުބާއީ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއިން އަގުހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓެއްގެ ތެރެއިން 20 އޭޕްރީލް 2020 ގައި ވަނީ ހަވާލުކުރެވިފައެވެ. މިހެން ވަޒީރު ވިދާޅުވުމަށްފަހުގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި ޚާއްޞަކޮށް އޮޑިޓަރ ޖެނެރަލް މަޖިލީހަށް ވަޑައިގެން މާލިއްޔަތު ކޮމިޓީގައި ދެއްވި ބަޔާނާ އެކުވީމަ އަޅުގަނޑަށް ފެންނަނީ މަޖިލީަހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް. މިބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލަންޖެހޭ ކަމެއް." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ޑަބުލިއުއެޗުއޯ އާއި މަޝްވަރާކުރައްވާފައި ވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައި ވީނަމަވެސް އޮޑިޓް ރިޕޯޓުގައި އެކަންހިނގާފައި ނުވާތީ، އެކަން ބަޔާންކޮށް މަޖިލީހުގެ ތަޅުމަށް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އަމީންއާންމު މެދުވެރިކޮށް އިއްވާފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައި ވަނީ، ޑަބްލިއު.އެޗް.އޯ.އިން އެއްވެސް އިރެއްގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާއެކު، ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާކަމަށެވެ. އަދި ޑަބްލިއު.އެޗް.އޯ ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައި ނުވާކަމާއި، ޙިއްޞާކޮށްފައި ވަނީ، ޑަބްލިއު.އެޗް.އޯ ގެ ކަންޓްރީ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޑަބްލިއު.އެޗް.އޯ ގެ ކަންޓްރީ ރެޕްރެޒެންޓެޓިވްއަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއްގެ މަޢުލޫމާތު ހިމެނޭ އީ-މެއިލެއްކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގްއަކީ ޑަބްލިއު.އެޗް.އޯ އިން ރެކޮމެންޑްކުރި ފަރާތެއް ނޫންކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ ޔައުމިއްޔާގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއަކީ، ޑަބްލިއު.އެޗް.އޯ އަށް އެ ފަރާތަކުން ވެންޓިލޭޓަރު ފަދަ ތަކެތި ގަންނަ ފަރާތެއްކަން އަންގައިދިން ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރ އެކަން ނަފީ ކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވި ސިޓީގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއަކީ ޑަބްލިއު.އެޗް.އޯ ގެ މަޝްވަރާގެ މަތިން، އެ އިދާރާގެ އެމަރޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޑަބްލިއު.އެޗް.އޯ އިން މިނިސްޓްރ އޮފް ހެލްތަށް އެފަދަ މަޢުލޫމާތެއް ބަދަލުކުރެވިފައި ނެތުމުން، އެ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއްކަމަށް ބެލެވޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ވަކި ސަޕްލަޔަރެއްގެ އަތުން ތަކެތި ގަތުމަށް ، އެއްވެސް ފަރާތަކުން ރެކޮމެންޑޭޝަން ލިބުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖްރާތުތައް ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ދެއްކޭނެ ހުއްޖަތެއް ނޫންކަމަށްވެސް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވެއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުމަކީ ކުށެއްކަމށް ވަނީ ކަނޑައަޅާފައެވެ. އަދި އެކުށުގެ އަދަބެއްގެ ގޮތުން 3000 ރުފިޔާއާއި 10000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށާއި، ނަުވަތަ ތިން މަހާއި ހަމަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޯވީޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއަށް 34.50 މިލިއަން ރުފިޔާއާއި ހަވާލުކޮށްފައިވާއިރު، ވެންޓިލޭޓަރުތަކުގެ އެޑްވާންސްކޮށް މަސައްކަތުގެ %90 ކުންފުންޏަށް ދީފައިވާކަމަށް އޮޑިތް ރިޕޯޓްގައި ބުނެފައިވެއެވެ.