ދުނިޔެ

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖޯ ބައިޑެން ވިސްނަވަނީ


އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއިމެދު ވިސްނަވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެކަމާމެދު ވަކި ނިންމެވުމެއް ނިންމަވަން އަދި ދަތިކަމަށް އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ބައިޑެން ވިދާޅުވީ މިކަމާމެދު އޭނާގެ އާއިލާއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. މިއީ، ރިޔާސީ ރޭހުގައި ވާދަކުރެއްވުމާއި މެދު ބައިޑެން އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ހިލަރީ ކްލިންޓަން ވަނީ މަސައްކަތް ފައްޓަވާފައެވެ. ނަމަވެސް، މިހާތަނަށް ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކްލިންޓަނަށް މާ އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ. ބައިޑެން ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ވަކި ނިންމުމެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރައްވާނޭ ކަމަށް ބެލެވެއެވެ. އަންނަ އަހަރުގެ އިންތިހާބުގައި ރިޔާސަތު ހޯދުމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން، ޕާޓީގެ ޓިކެޓު ހޯދުމަށް 17 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މީގެ ތެރޭގައި ކުރީގެ ރައީސް ޖޯޖް އެޗް. ޑަބްލިއު. ބުޝްގެ ދަރިކަލުން އަދި ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ކޮއްކޯފުޅު ޖެބް ބުޝް ހިމެނިވަޑައިގަންނަވައެވެ. އަދި، މަޝްހޫރު ވިޔަފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕްވެސް ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވެއެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ވަރުގަދަ ބަސްފުޅު ވިދާޅުވާ ޑޮނަލްޑް ޓްރަމްޕެވެ.