ޚަބަރު

ޖޫރިމަނާ ނުދެއްކިއްޖެނަމަ މުޖުތަމަޢުއަށް ޚިދުމަތްކުރުން ލާޒިމްކުރުމަށް ފާސްކޮށްފި


އެއްގަމު ދަތުރުފަތުރާއި ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ބޮޑުކޮށް، އެފައިސާ ނުދެއްކިއްޖެނަމަ މުޖުތަމަޢުއަށް ފައިދާހުރި ޚިދުމަތެއްކުރުން ލާޒިމުވާގޮތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާޙުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވަނީ، ޓްރެފިކް ޤަވާއިދާއި ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދީފައެވެ. އަދި ޤަވާއިދާއި ޚިލާފުވެގެން ކުރާ ޖޫރިމަނާ 10000 ރުފިޔާއަށް ވުރެ އިތުރުވާނަމަ، އެފައިސާ ހޯދުމުގެ ބަދަލުގައި އެމީހަކުލައްވާ މުޖުތަމަޢުއަށް ފައިދާހުރިކަމެއް ނުވަތަ ޚިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށައެޅުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށެވެ.

އަދި މުޖުތަމަޢުއަށް ފައިދާހުރިކަމެއް ނުވަތަ ޚިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރު ތަންފީޒްކުރުމާބެހޭ ޤަވާއިދު މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާ ގެޒެޓްކުރަންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި އިޞްލާޙުގައިވެއެވެ. މަޖިލީހުން ފާސްކުރި އިޞްލާހުގައި ވަނީީ، ޤަވާއިދާއި ޚިލާފުވެގެން ޖޫރިމަނާއާއި ގުޅޭގޮތުން ޝަކުވާއެއް ހުށައެޅޭނެ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީން 90 ދުވަހުގެ ތެރޭގައި އެކުލަވާލުމަށެވެ. އެއްގަމު އުޅަނދު ދުއްވުމަށް މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް ދުއްވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްވެސް ފާސްކުރި އިޞްލާހުގައި ހިމަނާފައިވެއެވެ.

އެގޮތުން ދުއްވުމަށް ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވާނަމަ އެމީހަކު ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރުމާއި، އެކަން ތަކުރާރުކޮށްފިނަމަ ވާނެ ގޮތް ބުނެދީ ނަސޭހަތްދޭންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކުށް ދެވަނަ ފަހަރަށް ތަކުރާރު ކުރާނަމަ އެމީހަކު 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭނެކަަމަށާއި، އެކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެމީހަކު ދުއްވި އުޅަނދު 15 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ފުލުހުންނަށް ދިނުމަށްވެސް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.

މީހުންގެ ފުރާނައަށް ނުރައްކާވާގޮތަށް ދުއްވާ ދުއްވުމާއި، މީހުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ދުއްވައިގެން އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ އެމީހަކަށް ދެވޭ އަދަބުވެސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޤާނޫނުލް އުގޫބާތުގެ ދަށުން އެފަދަ މީހަކަށް ޖިނާޢީ ދައުވާކުރުމާއެކު ލައިސަންސް 10 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމާއި، ޖިނާޢީ ދައުވާކުރުމާއެކު 6 މަސްދުވަހާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް މި ބިލުގައި ވަނީ ދީފައެވެ.

މަޖިލީހުން ފާސްކުރި އިޞްލާޙުގައި އެއްގަމު އުޅަނދު ދުއްވުމުގައި މަގު ބޭނުންކުރާނެ ހަމަތަކާއި، މި ޤާނޫނު ތަންފީޒްކުރުމަށް މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި "ރޯޑް ސޭފްޓީ ކައުންސިލް"ގެ ނަމުގައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލުމަށްވެސް މިބިލުގައިވެއެވެެ.

މިޤާނޫނަށް ޢަމަލުކުރަށް ފަށާނީ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައިކަމަށްވެސް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.