ޚަބަރު

އޭސީސީގެ މެމްބަރުންގެ މައްސަލައެއް ފުލުހަށް


ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އާންމު ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނީ، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާއަށް ޝިޔާމް ބޭނުންކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މިސިޓީގައި ބުނެފައިވެއެވެ.

އަދި މިފުރުސަތަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ނެތް ނަމަ ޝިޔާމަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށް ސިޓީގައިވެއެވެ. އަދި ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް ވެސް އެކަށައަޅާފައި ނުވަނީސް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީން މައްސަލަ ބަލައި ނިންމުމަށް ފަހު، އާންމު ކުރި ރިޕޯޓުގައި ވަނީ ޝިޔާމްގެ ބައްޕަ ހުންނެވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިމާރާތް ހުންނަ ގޯތީގައިވާ ވީއައިޕީ ގޭގައި ކަމަށެވެ. އެ ކޮމިޝަނުން ބުނީ، އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިއެކިޔުންތަކުން އެނގޭކަމަށެވެ.

އަދި މިމައްސަލަ ބެލިބެލުމުން ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.