ކުޅިވަރު

ސިލްވާ ރެއާލް ސޮސިއެޑާޑަށް ސޮއިކޮށްފި


މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓް ހަމަކޮށް އެކުލަބާ ވަކިވި ސްޕޭނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސްޕޭނުގެ ރެއާލް ސޮސިއެޑާޑަށް ބަދަލުވެއްޖެއެވެ.

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޭނާ އެކުލަބަށް ބަދަލުވީ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހުއެވެ.

ސްޕޭނަށް ވަރލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ސިޓީ ދޫކޮށްލީ އޭނާގެ އުމުރުން ދުވަސްވުމުގެ ސަބަބުން ސިޓީން ކޮންޓްރެކްޓް އާކުރަން ބޭނުންނުވުމުންނެވެ. އުމުރުން މިހާރު 34 އަހަރުގެ ސިލްވާ ވަނީ ސިޓީ އަށް 436 މެޗު ކުޅެ 14 ތަށި ހޯދައިފައެވެ.

އޭނާއާ ބެހޭ ގޮތުން އެކުލަބުގެ މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ބުނީ ސިލްވާއާއެކު އެއް ޓީމަކަށް ކުޅުމަކީ ލިބުނު ޝަރަފެއް ކަމަށާއި ކުރިމަގުގައި ވެސް އޭނާއަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.

ސިލްވާއާއެކު ސިޓީއަށް ގިނަ ދުވަސްތަކެއްގައި ކުޅުނު ކެޕްޓަން ވިންސެންޓް ކޮމްޕެނީ އިއްޔެ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓައިލައިފައެވެ. މިދިޔަ އަހަރުގެ ސީޒަނަށް ފަހު ސިޓީއާ ވަކިވި ކޮމްޕެނީ މި އަހަރު ކުޅުނީ ތުރުކީގެ އަންޑަލެކްޓަށެވެ. އޭނާ ދެން ހުންނާނީ އެ ޓީމުގެ ކޯޗަކަށެވެ.