ޚަބަރު

އޮޑިޓް ރިޕޯޓްތައް ދިރާސާކުރަން މިނިސްޓްރީތަކާއި، އޮޑިޓާޖެނެރަލް ކޮމިޓީއަށް ހާޒިރުކުރަނީ


ކޯވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރެވުނު އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް އޮޑިޓަރ ޖެނެރަލާއި، ކަމާއި ގުޅުންހުރި އިދާރާތައް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކަރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މި ރިޕޯޓްތަކާއި ގުޅިގެން ކޮމިޓީގެ މަސައްކަތް ކުރިއަށް ދެން ގެންދާނެ ގޮތެއް ރާވާފައެވެ. މިގޮތުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މާދަމާ މެންދުރު 14:00 ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. ޒިޔަތު ކޮމެޓީއަށް ހާޒިރުކުރަނީ ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ގަތުމުގައި ތިން ކުންފުންޏަކާއި ހަވާލުކޮށް އެ ކުންފުނިތަކާއި ގުޅޭ އޮޑިޓްގެ ކަންކަން ސާފުކުރުމަށެވެ.

މާދަމާގެ ބައްދަލުވުން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހުރިކަންކަން ސާފުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޓުއަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ވަކި ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ކޯވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރެވުނު އޮޑިޓްތައް އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހުށަހެޅުމަށްފަހު ހެލްތް މިނިސްޓްރީ އާއި، ފިނޭންސް މިނިސްޓްރީ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް މިއަދު ކޮމިޓީގައި ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގައިކަމަށް ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒު ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާގޮތުން، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"ކިޔާ ދުބާއީގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ލިބެންޖެހެއެވެ. އޭގެތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރެވެ. މިވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވެފައިވާ އަގުކަމަށްވާ، ވެންޓިލޭޓަރަކަށް ފަސް ލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާއަކީ މިވެންޓިލޭޓަރު ހޯދުމަށް ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ"އަކީޑަބްލިއުއެޗްއޯއިން ޤަބޫލުކުރާ ސަޕްލަޔަރެއްކަން އެނގޭނެފަދަ ލިޔެކިޔުމެއްވެސް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.