ޚަބަރު

ރައީސް ޔާމީނަށް ވަކީލުންނަށް ބައްދަލުނުކުރެވިގެން އުޅެނީ ވަކީލުން ބޭނުންނުވާތީ - އިމްރާން


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުނުކުރެވިގެން އުޅެނީ ވަކީލުން ބޭނުންނުވެންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާކަމަށް ކަރެކްޝަނުން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވީ ރައީސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށެވެ. އިމްރާން ވިދާޅުވީ ރައީސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުވުން ހަމަޖައްސަން ކަރެކްޝަނުން އިސްނަގައިގެން ލައްކަ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުވުން ހަމަނުޖެހިންގެ މިއުޅެނީ ރައީސް ޔާމީންގެ ވަކީލުން ބޭނުންނުވެގެންކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ހަމަޖައްސާދީފައިވާކަމަށެވެ. އަދި ވަކީލުންގެ ޓީމުން ޖަލަށްދިޔުމުން އެ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުން ހަމަޖެހިފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިފައިނުވާކަމަށާއި، އެލިޔެކިޔުންތައް ފެނުމުން ނޫނީ ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަފުޅު ނޫންކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާއި ބައްދަލުވެފައި ނުވާކަން ދެފަރާތަކުގެ ވާހަކަތަކުންވެސް އެނގޭކަމަށެވެ. އަދި މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށްވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް އެކެހެރި ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން ޢަމުރެއް ނެރުއްވާނެ ކަމަށެވެ.

ވަކީލުންނާއި ބައްދަލުކުރުމަށް ފުރުސަތުދިނުމަށާއި ލިޔެކިޔުންތައް ހަވާލުކުރުމަށްފަހު އަލުން ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް އެންމެ ފަހުން ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.