ޚަބަރު

ކޯވިޑް19 ގެ އޯޑިޓް ރިޕޯޓްތަކާއިގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް


ކޯވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރެވުނު އޮޑިޓް ރިޕޯޓްތަކާއި ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. މިމައްސަލަ މަޖިލީހަށް ބަލައިމަތުމަށް ފާސްވެފައި ވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. އުޝާމްގެ ކުއްލި މައްސަލާގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ޚާއްސަކޮށް މިހާރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓްތަކާއި ގުޅުންހުރި އިދާރާތަކުން ހިންގަމުންދިޔަ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަމުގެ ވާހަކަ މީގެކުރިންވެސް މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނެވުނުކަމަށެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ މިމައްސަލާގައި މަޖިލީހަށް ހެލްތު މިނިސްޓްރީން އޮޅުވާލައި ދޮގު މައުލޫމާތުދީފައި ވާކަމަށެވެ. އަދި ތަކުރާރުކޮށް އެތައް ޕްލެޓްފޯމެއްގައި މިޚަރަދުތަކުގެ ތަފްސީލު ހާމަކުރުގައި އޮޅުވާލުންތަކެއް އޮޅުވާލާފައި ވާކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އޮޑިޓް ރިޕޯޓްތަކުގެ މިނިވަން ތަހުގީޤެއް ހިނގައި ޝާމިލުވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި މިމައްސަލަ ބަލައި ނިމެންދެންވެސް މައްސަލާގައި ޝާމިލުވާ ވަޒީރަކު ނުވަތަ އެހެން މީހަކު ހުރިނަމަވެސް މަޤާމުން އެކަހެރިކޮށް ވަކި ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19 އާއި ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަންވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް ވަނީ އޮޑިޓަރ ޖެނަރަލް ވަނީ އަންގާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓުގައި ވަނީ އެމިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ފާހަގަކޮށްފައެވެ.

އެގޮތުން، ކޯވިޑް-19އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ %99 އަކީ އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ވިދާޅުވެފައެވެ.