ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ ތަޙްޤިޤު ކުރަން އޮޑިޓަރ ޖެނަރަލް އަންގަވައިފި


ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އަންގަވައިފިއެވެ.

އޮޑިޓަރ ޖެނެރަލް މިގޮތަށް އަންގަވާފައިވަނީ ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.

ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވެންޓިލޭޓަރުތަކުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29ދުވަހުގެ ތެރޭގައި ތަކެތި ސަޕްލައިކޮށް ނިންމަންޖެހެއެވެ. ހެލްތު މިނިސްޓްރީންވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައެވެ. އެހެންނަމަވެސް އޮޑިޓް ރިޕޯޓު އެކުލަވާލިއުރު، މިމުއްދަތު ފަނައަޅައިގޮސް ޖުމުލަ ހަތަރުމަސް ދުވަސް ފާއިތުވެފައިވާކަމަށާ، ކަނޑައެޅިފައިވާ ޢަދަދަށް ވެންޓިލޭޓަރު ލިބިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް އަގުބެލި ފަރާތްތަކާމެދު ވާދަވެރި އުސޫލަކުން ޢަމަލުކޮށްފައި ނުވާކަމަށާއި ހުރިހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުވެސް ދީފައިވެސް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުގައި މި މުޢާމަލާތް ހިންގާފައި މިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށެވެ. އެޤާނޫނު ބުނާގޮތުން ބީލަމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި ހާމަކަންބޮޑު ވާދަވެރި އަދި އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި ޒިންމާދާރު ގޮތެއްގެމަތިންނެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް ކޯޓޭޝަން ހުށަހެޅުމަށް ސަޕްލަޔަރުންނަށް އެކަށީގެންވާ ވަގުތު ދީފައިވެސް ނުވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާގޮތުން، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"ކިޔާ ދުބާއީގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ލިބެންޖެހެއެވެ. އޭގެތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރެވެ. މިވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވެފައިވާ އަގުކަމަށްވާ، ވެންޓިލޭޓަރަކަށް ފަސް ލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާއަކީ މިވެންޓިލޭޓަރު ހޯދުމަށް ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ"އަކީޑަބްލިއުއެޗްއޯއިން ޤަބޫލުކުރާ ސަޕްލަޔަރެއްކަން އެނގޭނެފަދަ ލިޔެކިޔުމެއްވެސް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މިކުންފުނި މެދުވެރިކޮށް "ސިންގަލް ސޯސް ޕްރޮކިއުމަންޓު"ގެ އުޞޫލުން ވެންޓިލޭޓަރު ގަތުމުގެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހުށަހަޅާފައިވާކަމަށާ، ޕަރފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައިވެސް ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކުރައްވާފައިވެއެވެ.

އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މުޢާމަލާތަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ހިނގާފައިވާ ކަމަކަމަށްވާތީ މިމައްސަލަ ކަމާގުޅޭ އިދާރާތަކުން ތަޙުގީގުކުރުމަށް އޮޑިޓް ރިޕޯޓުގައިވަނީ އަންގަވާފައެވެ.