ޚަބަރު

މޮރިޝަސްގެ ފަރަކަށް އެރި ތެޔޮ ބޯޓު ބިނދިއްޖެ


މޮރިޝަސްގެ ފަރަކަށް އަރައި ގިނަ ޢަދަދަކަށް ތެޔޮ ފައިބަމުން ދިޔަ ބޯޓު ބިނދިއްޖެއެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު އިންޑިޔާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ މޮރިޝަސްގެ ފަރަކަށް އުރުނު ޖަޕާނުގެ ތެޔޮ އުފުލާ ބޯޓަކުން ތެޔޮ ފޭބުމުގެ ސަބަބުން އިންޑިޔާ ކަނޑުގެ ޤުދުރަތީ ދިރުންތަކަށާއި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރުވެރިކަންވަނީ ބޮޑެވެފައެވެ. އެ ބޯޓުގައި 4،000 ޓަނުގެ ތެޔޮ ހުރިކަމަށް ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ. އޭގެ ތެރެއިން 1،000 ޓަނުގެ ތެޔޮ ބޭރުވެ، ތެލުގެ އަސަރުވަނީ އެއްގަމާއި ކަނޑުގެ ސަރަޙައްދާ ހަމައަށް ފޯރާފައެވެ.

މޮރިޝަސް ނޭޝަނަލް ކްރައިސިސް ކޮމިޓީއިން ބުނީ އޮގަސްޓު މަހުގެ 15ވަނަ ދުވަހުން ފެށިގެން ބޯޓުގެ ޙާލަތު އިތުރަށް ގޯސްވަމުންގޮސް މެންދުރުފަހުގެ ވަގުތެއްގައި އެ ބޯޓު ބިންދިފައިވާކަމަށެވެ. ބޯޓުގެ ކުރީކޮޅުން ބޮޑު ބައެއް ނެއްޓިފައިވާކަމަށާއި އެ ސަރަޙައްދުން އެ ބައި ގެންދިޔުމުގެ މަސައްކަތް ކަމާބެހޭ މާހިރުންގެ ލަފާގެ މަތިން ކުރިއަށް ގެންދާކަމަށް އެ އިދާރާއިން ބުންޏެވެ. ބޯޓުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ހުރި ތެޔޮ ސާފުރުކުރުމުގެ މަސައްކަތް ޚާއްޞަ އާލާތްތައް ބޭނުންކޮށްގެން ކުރަމުންދާކަމަށާއި އެ މަސައްކަތުގައި ތިމާވެއްޓަށް ނާޒުކު ސަރަޙައްދުތަކަށް ޚާއްސަ ސަލާމުކަން ދެމުންދާކަމަށްވެސް އެ ޤައުމުން ބުންޏެވެ.

ޖުލައި މަހުގެ 25ވަނަ ދުވަހު މޮރިޝަސްގެ ފަރަށް އުރުނު ޖަޕާނުގެ އެމްވީ ވަކަޝިއޯއަކީ ދިގުމިނުގައި 299.5 މީޓަރު ހުންނަ އަދި ފުޅާ މިނުގައި 50 މީޓަރު ހުންނަ ތެޔޮ އުފުލުމަށް ޚާއްޞަ އުޅަނދެކެވެ. އެ ބޯޓުގައި ހުރި ތެލުގެ ބޮޑުބައި މިހާރު ނަގާފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. ނަމަވެސް 166 ޓަނުގެ ތެޔޮ ބޯޓުގައި ހުރިކަމަށާއި އެ ތެޔޮ ނެގުމުގެ މަސައްކަތްކުރަމުންދާކަމަށް އޮގަސްޓު މަހުގެ 14ވަނަ ދުވަހު ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ގްރީން ޕީސުންބުނީ އެ ހާދިޘާއަކީ މޮރިޝަސްގެ ޤުދުރަތީ ދިރުންތަކަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާކަމަށެވެ. ތެލުގެ ސަބަބުން ފެން ތަޣައްޔަރުވުމުން ގުދުރަތީ ރީތިކަމަށް މަޝްހޫރު ސަރަޙައްދުތައް ހަލާކުވެ، ނެތިގެން ދިއުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އެ ފަރުތަކުގައިވާ ދިރުންތައް މަރުވެ، ފަތުރުވެރި ޤައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މޮރިޝަސްގެ އިޤްތިޞާދަށާއި ކާބޯތަކެއްޗަށާއި ޞިއްޙީ ޙާލަތަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވެފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މޮރިޝަސްއަށް އަހަރަކު 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުން އެ ޤައުމަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު ލިބުނެވެ. ސައިންސުވެރިން ބުނީ ތެޔޮ ބަންޑުންވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ނޭދެވޭ އަސަރުތަކުގެ ހަޤީޤީ ބޮޑުމިން އަދި ސާފު ނުވި ނަމަވެސް އެ ކާރިޘާގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ މޮރިޝަސްގެ އިޤްތިޞާދަށް ބޮޑެތި އަސަރުތައް ކުރާނެކަމަށެވެ.