ސިއްހަތު

2 ރަށެއްގެ ސިއްޙީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި


އަތޮޅުތަކުގެ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 2 ރަށެއްގެ ސިއްޙީ މަރުކަޒު މަރާމާތުކުރުމަށް އަމިއްލަ ބަޔަކާއި ހަވާލުކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަރާމާތުކުރުމަށް ހަވާލުކުރި 2 ސިއްޙީ މަރުކަޒަކީ ތ. ވިލުފުށީ ހެލްތު ސެންޓަރާއި، ސ. މަރަދޫ ސިއްޙީ މަރުކަޒެވެ. އެގޮތުން 1.1 މިލިޔަން ރުފިޔާއަށް ވިލުފުށީ ހެލްތު ސެންޓަރ މަރާމާތުކުރުމަށް ހަވާލުކޮށްފައިވަނީ ރަޖާ ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ސ. މަރަދޫ ސިއްޙީ މަރުކަޒު މަރާމާތުކުރުމަށް 1.4 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެ ކުންފުންޏާއެކު ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި އެއްބަސްވުންތަކުގެ ދަށުން ވިލުފުށީގެ ހެލްތު ސެންޓަރުގެ ޖާގަ ބޮޑުކުރުމުގެ އިތުރުން ސ. މަރަދޫ ސިއްޚީ މަރުކަޒުގައި މިހާރުހުރި އިމާރާތާއި، އަލަށް ހަދާފައިވާ އިމާރާތް ގުޅާލުމަށް ހަދަންޖެހޭ ކަނެކްޝަން އިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގެ ސިއްޚީފަރުވާދޭ ތަންތަން މަރާމާތުކުރުމަށް ސަރުކާރުން ފަށާފައިވާ މި ބޮޑު މަޝްރޫޢަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަސް މުސްތަޤުބަލެއްގައި މި މަޝްރޫޢު އެއްކޮށް ނިންމާލުންކަމަށާއި، މި މަޝްރޫޢުގެ ދަށުން މިހާރުވެސް އަތޮޅުތަކުގެ ބޮޑުބައެއް ކަވަރު ކުރެވިފައިވާކަމަށެވެ.ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، އެސް.ޓީ.އޯއާއި ގުޅިގެން ފަށާފައިވާ އެމްބިއުލެންސްތައް ހޯދުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 37 އެމްބިއުލެންސެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާކަމަށެވެ. އަދި މިހާރުވެސް އިތުރު 16 އެމްބިއުލެންސް ލިބިފައިވާ ކަމަށާއި، އެތަކެތިވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ. މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން ތ. ވިލުފުށީ ސިއްޙީ މަރުކަޒުގެ މަސައްކަތް 85 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ. އަދި ސ. މަރަދޫ ސިއްޙީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް 80 ދުވަހުގެތެރޭގައި ނިންމަންޖެހެއެވެ.