ތިމާވެށި

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް


މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއިގުޅިގެން މާލޭގެ ކުނީގެ މައްސަލައަށް ހައްލެއްލިބި ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބު އަލީ އާމިރު ވިދާޅުވީ، ކުނި މެނޭޖުކުރުމަށް ގެންނަ ބަދަލުތައް ހަފްތާއެއްހާ ދުވަސްތެރޭގައި އާންމުކުރައްވާނެކަމަށެވެ. އެގޮތުން ވަގުތުން ގެންނަ ބައެއް ބަދަލުތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.އޭގެ ތެރޭގައި މާލެގެ ފަޅުތެރެއިން ދޯންޏަށް ކުނި ބަރުކުރުމާއި، މޫދަށް ކުނި އެޅުމުގެ ގަވާއިދުތަކެއް ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށް އާމިރު ވިދާޅުވިއެވެ. އަދި ތިލަފުށީ ކުނިގޮނޑުގައި މިދުވަސްވަރު މެހި ގިނަވެފައިވާތީ މެއްސައްޖަހާ ބޭސްވެސް ވަރަށް އަވަހަށް ގެނައުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓްތަކާއެކު ގެންނަ ބަދަލުތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭގެ އެކި ހިސާބުތަކުން ކުނި އުފުލުމަށް ބައެއް އުޅަނދު ގެނައުމަށް ހަމަޖެހިފައިވާކަމަށް އާމިރު ވިދާޅުވިއެވެ.މި ހުރިހާ ކަމެއްގެ ތަފްސީލު ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މަސައްކަތްތަކާއި ކުނި މެނޭޖުކުރުމުގެ މަސައްކަތް  އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމާ ފާސްކުރުމުންނެވެ.