އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒުކުރޭތޯ ބެލުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހާހަކަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް އަބުދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ، މާލޭ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ފުލުހުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޕެޓްރޯލްކުރުން އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން މާލޭ ސަރަޙައްދުގައި އާއްމުތަންތަނަށް ނުކުންނައިރު މާސްކު އެޅުން މަޖުބޫރުކުރިފަހުން، އުޞޫލާއި ޚިލާފުވެގެން މިހާތަނަށް 189 މީހަކަށް ފުލުހުން ނަސޭހަތްތެރިވެފައި ވާކަމަށެވެ. އަދި މާސްކު ނާޅާ އާއްމު ތަންތަނަށް ނުކުތް 591 ފަރާތެއް މިހާތަނަށް އައިއިރު ޖޫރިމަނާކޮށްފައި ވާކަމަށް އަބުދުލް މަތީން އަބްދުލް ކަރީމް ވިދާޅުވިއެވެ.
އަބުދުލް މަތީން އަބްދުލްކަރީމް ވަނީ މަނާ ގަޑިތަކުގައި ބޭރުގައި އުޅޭފަރާތްތައް މަދުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަށް މަގުމަތީގައި އެއްޗެހި ދުއްވުމާއި، މީހުން ނުކުމެ އުޅުން މަނާކޮށްފައިވާއިރު، މިހާތަނަށް އައިރު 1519 ނަސޭހަތްދީ 527 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.
"މާސްކް ނާޅާ އުޅެހެން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 63 ފަރާތަކަށް ނަސޭހަޔތް 40 ޖޫރިމަނާކޮށްފައިވޭ. މިއާއެކު ޖުމުލަ 1896 ފަރާތައް ނަސޭހަތްދީ 591 މީހުން ވަނީ މާސްކް ނާޅާ އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައި. މީގެ އިތުރުން މަނާ ގަޑީގައި ބޭރުގައި އުޅެގެން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 187 މީހުންނަށް ނަސޭހަތް ދީފައިވާއިރު 83 ޖޫރިމަނާކޮށްފައި. މިއާއެކު މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖުމުލަ 1519 ނަސޭހަތްދީ 527 ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފައި" ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް އަބުދުލް މަތީން އަބްދުލް ކަރީމް ވިދާޅުވިއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް އަބުދުލްމަތީން އަބުދުލް ކަރީމް ވިދާޅުވީ، މަނާ ނޫން ގަޑިތަކުގައި އާންމުން އެއްވެ އުޅޭއިރު ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަން ފާހަގަކުރެވިފައި ވާކަމަށެވެ. އެގޮތުން ޕާކުތަކާއި އާންމު ތަންތަނުގައި މާސްކް ނާޅާ 5 މީހުންނަށްވުރެ ބޮޑެތި ގްރޫޕުތަކުގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވޭކަމަށެވެ.
މިކަންކަން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވާއިރު ފުލުހުންވެސް މިކަން ނުކުރުމަށް ނަސޭހަތް ދެމުން ގެންދާކަމަށެވެ. ފުލުހުން ވަނީ، ފަރުވާ ލިބިފައި ނުވާ ބައްޔެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.