ޚަބަރު

ދަތިތައް ހައްލުކުރުމަށް މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާއިއެކު މަޝްވަރާތައް ފަށައިފި


ކޯވިޑް-19އާ ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޔުނިސެފާ ގުޅިގެން ކުރިއަށްގެންދާ މިމަޝްވަރާތައް ފެށުމުގެ ގޮތުން މިއަދު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނާއިވެސް ބައްދަލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެމިނިސްޓްރީން ވިދާޅުވީ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ތިން ސެސަޝަނަކަށް ބަހާލައިގެންކަމަށެވެ.

މި ބައްދަލުވުންތަކުގައި ކޯވިޑް19- އާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި، އެކަމާއި ގުޅިގެން ސްކޫލްތަކުން އަޅުއްވާ ފިޔަވަޅުތަކާއިމެދު ދެކޭގޮތުގެ އިތުރުން ދަރިވަރުންގެ ތަޢުލީމު މެދުނުކެނޑި ކުރިއަށް ގެންދަން އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގައި ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ "ލަރނިންގ ލޮސް" ނުވަތަ ޢިލްމާއި ހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާބެހޭ ގޮތުން މަޢުލޫމާތު ދީފައިވާކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލްތަކުގައި ޤާއިމްކުރެވިފައިހުރި ވަސީލަތްތަކާއި، އިންތިޒާމްތައްވެސް ބައްދަލުވުމުގެ ބައިވެރިންނަށް ދައްކާލާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައިވެސް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން އެމީހުންގެ ހުރި ކަންބޮޑުވުންތައް ޙިއްސާ ކުރެއްވިކަމަށާއި، އަދި އެ ކަންބޮޑުވުންތަކަށް ހައްލުހޯދޭނޭ ގޮތްތަކާ ބެހޭގޮތުން ބައްދަލުވުމުގެ ތެރެއިން މިނިސްޓްރީގެ އިސްވެރިންގެ ޕެނަލްއަކުން މަޝްވަރާކޮށް ސުވާލުތަކުގެ ޖަވާބު ދެއްވިކަން އެމިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާކަމަށާއި ސްކޫލްތައް ބަންދުވެ ކުދިން ގޭގައި ތިބުމުން އެ ކުދިންނަށް ލިބޭ އިޖުތިމާޢީ ގެއްލުމަކީ މިންކުރެވޭ ވަރަށްވުރެން ބޮޑުގެއްލުމެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ކުދިން ސްކޫލަށް ނުގޮސް ގިނަދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާޢީ އަދި ތަޢުލީމީ ގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

ތަޢުލީމަކީ ހަމައެކަނި ފޮތުގައި އޮންނަ ފިލާވަޅުގެ އިތުރުން ދަރިވަރުން އެކަކު އަނެކަކާއި ދެމެދު ދެކެވޭ ވާހަކަތަކާއި ރަޙުމަތްތެރިންނާއި، އެހެނިހެން ދޭދޭ ގުޅުމުގެ ތެރެއިން ދަސްކުރާ ކަންކަން ކަމަށާއި، އިޖުތިމާޢީ ހުނަރު އެންމެ ބޮޑަށް ކުދިން ދަސްކުރަނީ އެހެން ކުދިންނާއެކު އެކި ކަންކަމުގައި އުޅުމުގެ ތެރެއިން ކަމަށްވުމުން ސްކޫލް މާހައުލުން ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތު ވީހާވެސް އަވަހަށް ހޯދައިދިނުމަކީ ދަރިވަރުންގެ މުސްތަޤުބަލަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.