ޚަބަރު

ސުލްޙަ ދެމެހެއްޓުމަށް އިންޑިއާއިން ކުރާ މަސައްކަތުން ދުނިޔެއަށް ލިބެނީ އުއްމީދު - ރައީސުލްޖުމްހޫރިއްޔާ


އަމާންކަމާއި ސުލްޙަ ދެމެހެއްޓުމަށް އިންޑިއާއިން ކޮށްފައިވާ މަސައްކަތަކީ ދުނިޔެއަށް އުއްމީދު ގެނެސްދޭކަމެއްކަމަށް ވިދާޅުވެ އިންޑިއާގެ 74ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ އިންޑިއާގެ 74ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ އިންޑިއާއިން ގެންގުޅޭ ޑިމޮކްރެޓިކް ހަމަތަކާއި، ސުލްހައާއި އަމާންކަން ކުރިއެރުވުމަށްޓަކައި އެޤައުމުން ކޮށްފައިވާ މަސައްކަތްތަކަކީ އުއްމީދު އައުކޮށްދޭ ކަމެއްކަމަށެވެ.

އިންޑިއާއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 15 އޯގަސްޓް 1947 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ މީގެ ޒަމާންތަކެއްގައިވެސް ބަދަހިނުވާ މިންވަރަށް ބަދަހިވެފައިކަމަށް ސަރުކާރުން އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތައް އިތުރުކޮށް އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ވަސީލަތްތައްވެސް އަންނަނީ ފޯރުކޯށްދެމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްްޤީއަށް ބޭނުންވާ މުހިންމު ބޮޑު 7 މަޝްރޫޢުއަކަށާއި، ކާޑުގެ ބާވަތްތަކާއި ހިލައާއި ހިލަވެލި އަދި ބަޖެޓު ސަޕޯޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ދެޤައުމުގެ ދެމދު ބަދަހިވެފައިވާ ގުޅުމުގެ ސަބަބުން އިންޑިއާއި ފޯރުކޮށްދޭ އެހީތެރިކަމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ހަމަކުރައްވައެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން މި ބަލިމަޑުކަމުގެ ދަނޑިވަޅުގައިވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.