ކުޅިވަރު

ލިއޯންއާ ދެކޮޅަށް އަގުއެރޯ އަށް ނުކުޅެވޭނެ: ގާޑިއޯލާ


ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސްގެ ލިއޯންއާ ދެކޮޅަށް ފޯވަޑް ސާޖިއޯ އަގުއެރޯ އަށް ނުކުޅެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކޯޗު ބުނީ ޕްރެމިއާ ލީގުގެ އެންމެ ފަހު މެޗުތައް ކުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް އަގުއެރޯ ހުރީ ސްޕޭނުގެ ބާސެލޯނާގައި ކަމަށެވެ.

"އޭނާ އަށް މި މެޗުގައި ނުކުޅެވޭނެ. އަދި މި މުބާރާތުގައި އޭނާ އަށް ކުޅެވިދާނެތޯ ބުނަން އަހަންނަށް ނޭނގެ. އޭނާދަނީ ފަރުވާ ހޯދަމުން،" ސިޓީގެ ތާރީހުގައި އެކުލަބަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާއާ ބެހޭ ގޮތުން ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ލިއޯން އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ޗެމްޕިއަންސް ލީގު މިހާރު މިކުޅޭ ގޮތުން ވިސްނާ ނުލައިފިނަމަ ކޮންމެ ޓީމަކަށް ވެސް މުބާރާތާ އަލްވަދާއު ކިޔަންޖެހިދާނެ ކަމަށެވެ.

"ކުރިން ޗެމްޕިއަންސް ލީގުގައި ކުޅޭއިރު ދެ ވަނަ ލެގާމެދު ވިސްނަންޖެހޭ. މިހާރު މިކުޅެނީ އެންމެ މެޗެއް. އެހެންވީމާ ވަރަށް ފަރުވާތެރިވެގެން ކާމިޔާބުވާނީ. އެއީ ގޯހެއް ހެދިއްޖެނަމަ އެ ގޯސް ރަނގަޅު ކުރަން ފުރުސަތު ނުލިބޭތީވެ. މިއީ އެފްއޭކަޕާއި ލީގުކަޕުގައި ކުޅޭއިރު އަހަރުމެން ތައްޔާރުވާންޖެހޭ ވިސްނުމުގައި ކުޅެންޖެހޭ މުބާރާތެއް މިހާރު،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވެސް ކުޅެން ސިޓީގެ ކުޅުންތެރިން ތައްޔާރުވާނެ ކަމަށާއި މުބާރާތެއްގައި ބަލި ޓީމެއް ނޯންނާނެ ކަމަށެވެ.