ޚަބަރު

ބައިޑަންއާއި ހެރިސްގެ ފުރަތަމަ ޖަލްސާ، ޓްރަންޕަށް ބަހުގެ ޙަމަލާތަކެއް


ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކު ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަނާއި ރަނިންމޭޓު ކަމަލާ ހެރިސް އެކުގައި ޙާރަކާތެއް ބާއްވަވައިފިއެވެ.

ބައިޑަނުގެ ރަނިންމޭޓުގެ ގޮތުގައި ހެރިސް އިޚްތިޔާރުކުރައްވާފައިވާކަން އިޢުލާނު ކުރެއްވިފަހުން ބޭއްވި ފުރަތަމަ ޙަރަކާތުގައި ވާހަކަދައްކަވަމުން ހެރިސް ވިދާޅުވީ ބައިޑަންގެ ރަނިންމޭޓެއްގެ ގޮތުގައި ކަޅު ނަސްލަށް ނިސްބަތްވާ މީހަކު އިޚްތިޔާރުކުރެއްވީ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅަށް ތަޞައްވުރުކުރެވޭތީކަމަށެވެ. އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އެންމެ ފުރަތަމަ ރައީސް، ބަރަކް އޮބާމާގެ ދަޢުރުގައި ނައިބު ރައީސްގެ މަޤާމުގައި ހުންނެވީ ބައިޑަންކަން ފާހަގަކުރައްވާ ހެރިސް ވިދާޅުވީ އިންސާފާއި ހަމަހަމަކަމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބައިޑަންގެ ބައިވެރިވުން ބޮޑުކަމަށެވެ. ހެރިސް އިތުރަށް ވިދާޅުވީ އޭނާގެ ޢާއިލާއަށާއި ޤައުމަށް ބައިޑަން ދެއްވާ ސަމާލުކަމަށް އަބަދުވެސް ތަޢުރީފު ކުރައްވާކަމަށެވެ.

ޓްރަންޕަށް ބަހުގެ ޙަމަލާއެއް އަމާޒުކުރައްވާ ހެރިސް ވިދާޅުވީ ޤައުމަށް އެންމެ މުހިންމު ކަންކަންކަމުގައިވާ އިޤްތިޞާދާއި ޞިއްޙާތާއި ދަރިންނާއި ޤައުމުގެ ކުރިމަގު ނާޒުކު ފައްތަރެއްގައި އޮތްކަމަށާއި އެ ޙާލަތުގައި ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގެން ހުންނެވީ ޤައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތު އިސްކުރައްވާ ބޭފުޅެއްކަމަށެވެ. ދިމާވާ ހުރިހާ އުނދަގޫ ޙާލަތްތައް ރައީސް ޓްރަންޕުގެ ސަބަބުން އިތުރަށް އުނދަގޫވާކަމަށާއި މިވަގުތު ޤައުމަށް މުހިންމީ އިސްނަގައިގެން މަސައްކަތްކުރާނެ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19ގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ރައީސް ޑޮނަލްޑް ޓްރަންޕު ނުކުޅެދިފައިވާ ވަގުތެއްގައި އެ ފިއްތުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ބައިޑަނަށް ލިބިގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރަޓިކު ޕާޓީގެ މަޖިލީހުގައި ރިޔާސީ ޓިކެޓާ ރަސްމީކޮށް ބައިޑަން ޙަވާލުވެވަޑައިގަންނަވާނެއެވެ. ކޯވިޑް-19 ފެތުރޭތީ އެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޓަނެޓު މެދުވެރިކޮށެވެ.