ކުރިއަށް އޮތް ސީޒަނަށް އައު ކުޅުންތެރިން ނުގަންނާނެ ކަމަށް ރެއާލް މެޑްރިޑުން އަންގައިފިއެވެ.
ރެއާލް މެޑްރިޑުގެ ޖެނެރަލް މެނޭޖަރު އެކުލަބުގެ ކުޅުންތެރިންނަށް މިކަން އެންގީ ނިމިދިޔަ ސީޒަނަށް ފަހު ކުޅުންތެރިންނާއެކު އައު ސީޒަނުގެ ޕްލޭން ކިޔައިދިނުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ރެއާލްގެ ޖެނެރަލް މެނޭޖަރު ހޯސޭ އެންޖެން ސަންޗޭޒް ކުޅުންތެރިން ގާތުގައި ބުނީ ނިމިދިޔަ ސީޒަނުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުލަބަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ފައިސާ ހަރަދު ކުރަން މިހާރު ވިސްނަމުންނުދާ ކަމަށެވެ. ސަބަބަކީ އެކުލަބުން ފަށާފައިވާ ކުލަބުގެ ރީބިލްޑުގެ މަސައްކަތުގެ ތެރެއިން ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތަކެއް ވެސް ހިނގާތީ ހަރަދުކުރުމުގައި ދަތިތަކެއް ހުރުމުންނެވެ.
މިހެންވެ އަލަށް ޓީމާ ގުޅުނަސް ގުޅޭނީ ލޯނު އުސޫލުން އެހެން ކުލަބަކަށް ދޫކޮށްފައިހުރި ކުޅުންތެރިއެއް ކަމަށެވެ. މި ގޮތުން ރެއާލް ބެޓިސްއަށް ކުޅެމުން އައި މާޓިން އޮޑެގާޑް ގެނައުމަށް ރެއާލްއިން މިހާރު ވަނީ ނިންމައިފައެވެ.
މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބު ކުރި ޓީމު ވަނީ ސްޕެނިޝް ކަޕާއި ޗެމްޕިއަންސް ލީގުން ކަޓައިފައެވެ. ސީޒަނަށްފަހު ރެއާލްއިން މިހާރުވަނީ ކުޅުންތެރިންނަށް ޗުއްޓީ ދީފައެވެ. ޕްރީ ސީޒަން ފަށާނީ އޮގަސްޓް 30 ގައެވެ.