ޚަބަރު

ސިއްޙީ ޚިދުމަތް މެދުނުކެނޑި ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ އަމީން


ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިއްޙީ ޚިދުމަތް މެދުނުކެނޑި ޚިދުމަތް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ފަރުވާއަށް މާލެ އައުން ހުއްޓުމަކަށް ގެނެސްފައި ވާއިރު މިޙާލަތުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ސިއްޙީ މަރުކަޒުތަކަކީ މިޒަމާނުގެ ސިއްޙީ ވަޞީލަތެއް ދިނުމަށް އެންމެ އެކަށޭނެ ފެންވަރުގައި ހުރިތަންތަން ނޫންކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންސާނީ ވަޞީލަތް ސިއްޙީ ދާއިރާގައި މަދުކަން ތަކުރާރުކޮށް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ކޯވިޑްގެ މިޙާލަތުގައިވެސް ރާއްޖޭގެ ސިއްޙީ ނިޒާމު ހުއްޓުމަކަށް ނާންނަކަން ފާހަގަކުރައްވައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ހުރިހާ ހިސާބެއްގައި މެދު ނުކެނޑި ޚިދުމަތްދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

"މިއަހަރާ އަޅުގަނޑުމެން ސިއްޙީ ދާއިރާ ކުރިމަތިލީ ވަރަށް އުއްމީދާއެކު. ގިނަ ގުނަ ކަންކަން މިއަހަރު ކުރުމުގެ ޢަޒުމުގައި. އެހެންނަމަވެސް ކޯވިޑްގެ ނުރައްކާކުރިމަތިވެ މަސައްކަތްތަކަށްވަނީ ގޮންޖެހުން ކުރިމަތިވެފަ. އެހެންނަމަވެސް މިޙަލަތުގައިވެސް ރާއްޖޭގައި ސިއްޙީ ޚިދުމަތް މެދުނުކެނޑި ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ގިނަ ގޮންޖެހުން ހުރިކަން ހެލްތު މިނިސްޓަރ އަމީންވަނީ މަޖިލީހުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުންވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ބަޖެޓުގެ ދަތިކަންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމުގައިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެކަށީގެންވާ މީހުން ނުލިބުމާއި މިދާއިރާގައި މީހުން ހަރުނުލާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި ސިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އައުޓްރީޗް ޕްރޮގްރާމެއް ފައްޓަވައި އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުން އެކި ރަށްރަށަށް ފޮނުވުމުގެ ފުރިހަމަ ޕްރޮގްރާމެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން މިހާރު ހުރި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.