ޚަބަރު

މާސްކު ނާޅައިގެން ޖޫރިމަނާ ކުރަނީ އިތުރު ފުރަބަންދަކަށް ދާން ބޭނުންނުވާތީ: ހެލްތު މިނިސްޓަރ


މާސްކު ނާޅައިގެން ޖޫރިމަނާކުރަނީ އިތުރު ފުރަބަންދަކަށް ދާން ބޭނުންނުވާތީ ކަމަށާއި ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުންނުވާތީކަމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ އަމީން މިހެން ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ޤައުމު މިހާރު އޮތް ޙާލަތާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މާސްކު ނާޅައި މީހުން ޖޫރިމަނާކުރަން ފެށީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީކަމަށެވެ. އަަދި އެއީ އިތުރަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބާއްވަންޖެހޭ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް ބޭނުންނުވާތީ އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މާސްކު ނާޅާ މަގުމަތީގައި އުޅޭ ފަރާތްތައް ޖޫރިމަނާކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ ވިދާޅުވީ ކުރާ ކޮންމެ ޖޫރިމަނާއެއްގެ ފަހަތުގައި ވަނީ ހިލޭ ދޭ ޚިދުމަތް ނޫންކަމަށެވެ.

"މާސްކު ނާޅާނަމަ ނުރައްކާވަނީ މާސްކު ނާޅާ މީހާގެ ސިއްޙަތަށް އެކަންޏެއް ނޫން. އޭގެ ސަބަބުން އޭނާގެ ވަށައިގެންވާ އެންމެނަށްވެސް އޭގެ ނުރައްކާ އެބަވޭ. ކަމެއް ނޫންކަމަށް ދޫކޮށްލެވޭ ކަމެއްގެ ސަބަބުން އެތައްބަޔަކު މިބައްޔަށް ހުށައެޅިގެން އެބަދޭ. އަޅުގަނޑުމެން މާސްކު މަޖުބޫރުކުރީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ. އިތުރަށް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ބޭނުންނުވާތީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މަޖިލީހުގައި ހެލްތު މިނިސްޓަރ ވިދާޅުވީ ލޮކްޑައުންނަށް ލުއިދިން ހިސާބުން މާސްކު އަޅާތަން ފެންނަން ފެށި ނަމަވެސް ތިންވަނަ މަރުޙާލާގައި ދިން ލުއިތަކާއެކު ފަހުން ފެނިގެން ދިޔައީ މާސްކު އެޅުމެއް ރައްކާތެރިކަމެއް ނެތި މަގުތައް ހަލަބޮލި ވަމުން އައިތަންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ އެއްފަހަރާ ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު މައްޗަށްދާން ފެށުމުން މާސްކު އެޅުން މަޖްބޫރުކުރަން ނިންމީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއާއެކު ޖޫރިމަނާ ކުރަން ޖެހުނީ މިއީ ކުޑަކަމެއްކަމަށް ދޫކޮށްލެވޭވަރަށް ވުރެ ސީރިއަސްކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ފުރަބަންދަށް ލުއިދިނުމަށްފަހު ޢާއްމު ޙާލަތަކަށް ހުޅުވާލީ އެކަމަށް ޚާއްސަ ގައިޑްލައިންތަކާއެކުގައެވެ. އެގޮތުން މާސްކު އެޅުމަށާއި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތާއި ބޭރުގައި އުޅުމުގައި ސަމާލުކަންދޭން ވީކަންކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މިއުސޫލާއެކު ތިންވަނަ މަރުޙަލާގައި ލުއިދީފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުގައެވެ.