ޚަބަރު

އޭއައިއޭގެ ދަށަށް ދޫގަސް ބަދަލުކުރުމަށް މަޖިލީހުން ސަރުކާރަށް ހުށަހަޅައިފި


އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ދޫގަސް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ސީޕްލޭން އޮޕަރޭޝަން ފެށުމަށް ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޙާލަތު ބެލުމަށް އެއެއަރޕޯޓަށް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ މެންބަރުން ގޮސް އެކުލަވާލި ރިޕޯޓްގައި މިކަން ހިމަނައި މަޖިލީހުން މިގޮތަށް ފާސްކުރީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލާ މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ޚިދުމަތްތަކުން ނެރެވޭ ފައިދާއިން، އެކުންފުނި މިހާރު ތަޙައްމަލުކުރަމުންދާ މާލީ ދަތިތަކުން އަރައިގަނެ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކޮށް، އިތުރު އެއަރލައިންތަކަށް ފުރުޞަތު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، މިހާރު އެކުލަވާލެވިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރަށް ދެންނެވުމަށެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި މިއަހަރުން ފެށިގެން 2025 ވަނ އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރާނެ ގޮތާއި، ޕްރޮޖެކްތައް ފެށުމަށް ހަމަޖެހިފައިވާ ތާރީޚާއި، ޕްރޮޖެކްޓްތައް ތަންފީޒުކުރެވޭނެ ގޮތް އެނގޭނެ ތަފްސީލީ ޕްލޭނެއް އެކުލަވާލައި، 45 ދުވަހުގެ ކުރިން ކޮމިޓީއަށް ޙިއްޞާކުރުމަށް ދެންނެވުމަށްވެސް ވަނީ މިރިޕޯޓްގައި ހިމަނާފައެވެ.

މީގެއިތުރުން އެ އެއަރޕޮޓް ތަރައްޤީކުރުމަށް 5 އަހަރަށް ޖުމްލަ 15 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް އަންދާޒާކުރައްވާފައިވާތީ، އެއަރޕޯޓް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓަތަކަށް ފައިނޭންސް ހޯދުމުގެގޮތުން ބައިނަލްއަޤްވާމީ ބޭންކުތަކުން ލޯނު ހޯދުމަށް ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށް ދެންނެވުމަށްވެސް މިރިޕޯޓްގައިވެއެވެ

މީގެ އިތުރުން އައްޑޫ ސިޓީ ދޫގަސް، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށް ގަމުގައި ސިޓީ ހޮޓަލެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ދެންނެވުމަށާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސީޕްލޭން އޮޕަރޭޝަން ފެށުމަށް ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމަށްވެސް މިރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ ސަރަޙައްދުގައި ރިސޯޓްތައް އޮޕަރޭޓްކުރާ ފަރާތްތަކަށާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް، އެ ސަރަޙައްދުގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެއަރލައިންތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ފަރާތްތަކާ މަޝްވަރާކޮށް، ކުރިއަށް ގެންދިއުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްވެސް މިރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ވަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަކީ ވަރަށް މުހިންމު މަޤްޞަދެއްގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއްކަން ފާހަނގަކޮށްފައެވެ. އަދި އެއީ އައްޑޫ ސިޓީއާއި އެ ސަރަޙައްދުގެ ރައްޔިތުންނާއި އެ ސަރަޙައްދުގެ މުޅި ޓޫރިޒަމާވެސް ގުޅިފައިވާ ކުންފުންޏެއްކަމުން، މާލީގޮތުން އަރައިނުގަނެވި، ކުންފުންޏަށް ދިމާވާ ކޮންމެ ދެރަކަމެއްގެ އެންމެ ބޮޑު އަސަރުކުރާނީ އައްޑޫ ސިޓީއާއި އެ ސަރަޙައްދުގެ އިޤްތިޞާދަށްކަމަށްވެސް ވަނީ ފާހަނގަކޮށްފައެވެ.

އެ ރިޕޯޓުގައިވަނީ މި ކަންކަން ފާހަނގަކޮށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެންނެވުމަށްވެސް އެދިފައެވެ.