ކުޅިވަރު

އޭއެފްސީ ކަޕް: ގްރޫޕު އީގެ ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި


އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕު އީގެ ހުރިހާ މެޗެއް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕު އީގެ މެޗުތަށް ރާއްޖޭގައި ކުޅެން ބިޑު ކުރިއިރު އެންމެ ފުރަތަމަ ނިންމާފައިއޮތީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި މެޗުތަށް ކުޅުމަށެވެ. މިގޮތަށް ކުރިން ނިންމާފައި އޮތީ ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު ދެ މެޗު އެއްވަގުތެއްގައި ކުޅެން ޖެހޭތީއެވެ. ނަމަވެސް އެފްއޭއެމްއާއި އޭއެފްސީއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ގަލޮޅު ދަނޑުގައި އެކަނި މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމައި މިހާރު ވަނީ ޝެޑިއުލް އާންމުކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މުބާރާތުގެ ކުޅުން މެދުކަނޑާލިއިރު ކުޅެވިފައިއޮތީ އެންމެ ދެމެޗެވެ. އެއީ މާޒިޔާއާއި އިންޑިއާގެ ޗެންނާއީ އެފްސީ ވާދަކުރި މެޗުގެ އިތުރުން ޓީސީ އާއި ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް ވާދަކުރި މެޗެވެ. އެއަށްފަހު ރާއްޖޭގައި ބާކީހުރި މެޗުތައް ފަށާނީ އޮކްޓޫބަރު މަހުގެ ތޭވީސް ވަނަ ދުވަހު ހަވީރު މާޒިޔާއާއި ބަސޮންދުރަ ކިންގްސް ވާދަކުރާ މެޗުންނެވެ. ކޮންމެ ތިންދުވަހުން އެއްދުވަހު މެޗުތައް ކުޅޭއިރު ހަވީރާއި ރޭގަނޑު މެޗުތައް ކުރިއަށްގެންދާނެއެވެ. ގުރޫޕުގެ ފަހު މެޗު ކުޅޭނީ ނޮވެމްބަރ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކުރިން އައްޑޫ ސިޓީގައިވެސް ބައެއް މެޗުތައް ކުޅެން ނިންމާފައި އޮތްނަމަވެސް، އަލުން އެއްދަނޑެއްގައި މެޗުތައް ކުޅެން ނިންމީ އޭއެފްސީންވެސް އެގޮތަށް ބޭނުންވާތީއެވެ. ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ވީހާވެސް ބޮޑަށް ދަތުރުފަތުރު ކުރުން މަދުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށް މުބާރާތް ކުރިއަށް ގެންދިއުމަށް ބޭނުންވާތީއެވެ.

މުބާރާތުގެ ގުރޫޕު އީގެ މެޗުތައް ރާއްޖޭގައި ކުޅެން ބިޑުކުރީ، ގުރޫޕުގައި ރާއްޖޭގެ ދެކުލަބު ވާދަކުރާތީ، ރާއްޖޭގައި މެޗުތައް ކުޅޭނަމަ އިންޓަ ޒޯން ސެމީފައިނަލަށް ރާއްޖޭގެ ކުލަބެއް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވާނެކަމަށް އެފްއޭއެމުން ބުނުމަށްފަހުއެވެ.