ވިޔަފާރި

ފެލިވަރު އަދި ކޫއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 2 ޖަނަރޭޓަރު ގެނެސްފި


ފެލިވަރު އަދި ކޫއްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ ކެޕޭސިޓީގެ މައްސަލަ ހައްލުކުރުމަށް މިފްކޯއިން ކޮންމެ ރަށަކަށް ޖަނަރޭޓަރެއް ގެނެސްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި 2 ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ފެލިވަރު އަދި ކޫއްޑޫ ހިމެނޭގޮތުން ކޮންމެ ރަށަކަށް 1 މެގަވޯޓުގެ 2 ޖަނަރޭޓަރު ގެނެސްފައިވާކަމަށެވެ. މި 2 ޖަނަރޭޓަރުވެސް މިހާރު ވަނީ އެ 2 ރަށަށް ގެންގޮސްފައެވެ. ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރެވޭނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މި ޖަނަރޭޓަރާއެކު ކަރަންޓުގެ ކެޕޭސިޓީ އިތުރުވެގެންދިއުމުގެ ސަބަބުން އައިސް ދޫކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޙާއްސަކޮށް ކޫއްޑޫއިން އައިސް ދޫކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ، މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ކޫއްޑޫއިން އެކަށީގެންވާ މިންވަރަށް މަސްވެރިންނަށް އައިސް ދޫކުރުމަށް ދަތިތަކެއް ހުރިކަމަށެވެ. އަދި ކަރަންޓުގެ ކެޕޭސިޓީއަށް އިތުރުވެގެންމިދާ ޖަނަރޭޓަރާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޫއްޑޫގައި މިހާރު ބޭނުންކުރަމުންދަނީ 500 ކިލޯވޯޓުގެ 5 ޖަނަރޭޓަރެވެ. އަދި ފެލިވަރުގައި ބޭނުންކުރަމުންދަނީ 800 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.

މަސްވެރިންގެ އަތުން މަސްގަންނަ އަދަދު އިތުރުކުރުމަށްވެސް މިފްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސްގަތުމުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުތަކުން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމާފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން މިފްކޯގެ ތަރައްޤީއަށް 15 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރާނެއެވެ. އަދި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް، 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ.