ޚަބަރު

އަމާޒަކީ ޓާޝަރީ 5 ހޮސްޕިޓަލް މިއަހަރު ނިންމުން- މިނިސްޓަރ އަމީން


ސިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލުތައް މިއަހަރު ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތު މިނިސްޓަރ ޙާޒިރުކޮށް ބައެއް ރަށްރަށުގެ ސިއްޙީ ވަސީލަތްތައް ހަމަކުރުމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ސިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ރައިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކަށީގެންވާ ބަދަލުތަކެއް އަތޮޅުތަކަށް ގެނެސް ވަރަށް ބާރު މިނުގައި އެ މަސައްކަތްތައް މިދިޔަ އަހަރު ފަށާފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 އިންސައްތަ ހަމަކުރެވިފައިވާކަމަށެވެ. އަދި އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ ގިނަ ބަޔަކު ހަމަކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެސަރަހައްދުތަކަށް ގެންނަންޖެހޭ ޢުމްރާނީ ތަރައްޤީގެ މަސައްކަތް މިދިޔަ އަަހަރު ފަށާފައިވާކަންވެސް ހެލްތު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން އަމާޒުކުރީ މިއަހަރުގެ މެދުތެރެއާއި ހަމައަށް ދާއިރު އެވަސީލަތްތައް ޤާއިމްކޮށް ފަސް ޓާޝަރީ ހޮސްޕިޓަލަށް ޢަމަލީ ސިފައެއް އަންނާނެނަކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ލަސްތަކެއް ކުރިމަތިވީނަމަވެސް މިއަހަރުގެތެރޭގައި އެ ހޮސްޕިޓަލްތައް ނިންމުމަށް އަމާޒުހިފާފައިވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހަޤީގަތުގައި މިހާރު ބައްޓަންވަމުންދާ ސިއްޙީ ނިޒާމުގެ މައި ނާރެހަކީ ރާއްޖޭގެ ރާއްޖޭގެ ފަސް ސަރަހައްދުގައި މިފުޅާކުރެވޭ ސިއްޙީ ޚިދުމަތް. މި މަސަރަހައްދުތަކުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތްލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. މި ވިސްނުން ހަޤީގަތަށް އިރާދަކުރެއްވިއްޔާ ހެދުމަށް މި މަސައްކަތްކުރަނީ މިއަހަރުގެތެރޭގައި އެއްކޮށް ނިންމާލެވޭތޯ އަދިވެސް ވަރަށް ހިތްވަރުލާ އެބަ މަސައްކަތްކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.