ކުޅިވަރު

ސެބާޔޯސް އަލުން ގެންދިއުމަށް ޒިދާން ނިންމަނީ


އާސެނަލް އަށް ކުޅެމުން އަންނަ ސްޕޭނުގެ މިޑްފީލްޑަރު ޑެނީ ސެބާޔޯސް އަލުން ރެއާލް މެޑްރިޑަށް ގެންދިއުމަށް ކޯޗު ޒައިނުއްދީން ޒިދާން ވިސްނަން ފަށައިފިއެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ޒުވާން މިޑްފީލްޑަރު އަލުން ގެންދިއުމަށް ޒިދާން ވިސްނަން ފެށީ ކޯވިޑް19ގެ ސަބަބުން ކުލަބަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކުޅުންތެރިން ގަތުމަށް ކުރާ ހޭދަ ކުޑަކުރަންޖެހޭތީއެވެ.

ސެބާޔޯސް އަކީ ރެއާލް މެޑްރިޑުގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އާސެނަލް އަށް ކުޅެމުންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މިހެންވެ ރެއާލް ބޭނުންނަމަ ކުޅުންތެރިޔާ އަނބުރާ ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް ނިމިދިޔަ ސީޒަނަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ އޭނާގެ ޕްލޭނުގައި ސެބާޔޯސް ހިމަނާފައެވެ. އަދި ކުޅުންތެރިޔާ އާސެނަލްގައި ބެހެއްޓުމަށް އޭނާ ގަތުމަށް ވެސް އާސެނަލް އޮތީ ތައްޔާރަށެވެ. ސަބަބަކީ އާޓެޓާ ހަވާލުވިފަހުން ސެބާޔޯސް މޮޅު ކުޅުމެއް ދައްކާފައިވުމެވެ.

އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަ ކުރަން ރެއާލް މެޑްރިޑުން މަސައްކަތް ކުރާއިރު ބޭނުންނުވާ ކުޅުންތެރިން ވިއްކައިގެން 180 މިލިއަން ޔޫރޯ ހޯދުމަށް ރެއާލް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބޭނުންނުވާ ކުޅުންތެރިން ވިއްކާލުމަށް އެ ޓީމަށް ވަނީ ގިނަ މައްސަލަތައް ދިމާވެފައެވެ. ސަބަބަކީ ކުޅުންތެރިންނަށް ރެއާލްއިންދޭ މުސާރަ ދިނުމަށް އެހެން ކުލަބުތަކަށް ކުޅަދާނެ ވެގެންނުވުމާއި ކުޅުންތެރިން ރެއާލް ދޫކޮށްލަން ބޭނުންނުވާތީއެވެ.

ނަމަވެސް ޗެމްޕިއަންސް ލީގު ކަޓާފައިވާތީވެ ކޯޗު ޒިދާނަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.