ޚަބަރު

އާސަންދައިގެ އެހީގައި ފަރުވާއަށް އިންޑިއާއަށް ގެންދިޔަ މީހަކު ނިޔާވެއްޖެ


އާސަންދައިގެ ދަށުން އިންޑިއާއަށް ގެންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އާސަންދަ ކުންފުނިން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޚާއްސަ ހުއްދައިގެ ދަށުން އެޤައުމަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ ތެރެއިން 4 މީހަކު ވަނީ ނިޔާވެފައެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، ނިޔާވި 4 ދިވެހިންނަކީވެސް އިންޑިއާއަށް އިތުރުފަރުވާއަށް ފޮނުވި އިރުވެސް ވަަރަށް ހާލުބޮޑު ބަލިމީހުންކަމުގައެވެ.

މީގެ ތެރެއިން މީގެ ކުރިން ނިޔާވި 3 މީހުންނަކީވެސް ކެންސަރުބަލީގެ 3 މީހުން ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެފައި ވެއެވެ،

މިއަދު ނިޔާވި މީހާއަކީ ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ފުރަތަމަ ބެޗްގައި ދިޔަ މީހެއްކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ. މީގެ ކުރިން ނިޔާވި ތިން މީހުންނަކީވެސް، އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން އެޤައުމަށް ބޭސްފަރުވާއަށް ފޮނުވުނު 2 ވަނަ ބެޗުގައި ހިމެނޭ މީހުން ކަމުގައި އެކުންފުނިން ވިދާޅުވެއެވެ.

އާސަންދައިގެ ދަށުން ފޮނުވި މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ނިޔާވެފައި ވަނީ ޖުލައި 16ގައި ކަމަށާއި ދެވަނަ މިހާ ޖުލައި 17ގައި ނިޔާވި އިރު 3 ވަނަ މީހާ ނިޔާވެފައި ވަނީ ޖުލައި 18 ވަނަ ދުވަހުގައި ކަމަށް އާސަންދަކުންފުނިން ވިދާޅުވެއެވެ.

އާސަންދައިގެ ދަށުން ފަރުވާއަށް އިންޑިއާއަށް 200އަށް ވުރެ ގިނަ ދިވެހިން ފޮނުވާފައިވާއިރު، އިންޑިއާއަށް ދިއުމަށްފަހު ބައެއް ދިވެހިން ވަނީ ކޯވިޑް-19އަށްވެސް ޕޮޒިޓިވް ވެފައެވެ. އެގޮތުން މިހާތަނަށް ކޯވިޑް-19އަށް 8 ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްއީއޯސީއިން ވަނީ ހާމަކުރައްވާފައިވެއެވެ.