ޚަބަރު

ރައީސުލްޖުމުހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ހަރުދަނާވެފައި ވާކަމާއި، ދެޤައުމަށްވެސް ފައިދާވާނެ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން، ދެ ބޭފުޅުން ވަނީ މި ހާލަތަކުން އަރައިގަތުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމާއި، ޕާކިސްތާނުގެ އިޤްތިޞާދު ނެގެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި، ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދީ ގޮތުން ހީނަރުކަން ލިބިފައިވާ ޤައުމުތަކަށް "ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމަށް ވެސް އުފާވެރި، އަދި ފާގަތި ކުރިމަގަކަށް އެދެމުން، ދެ ޤައުމަށް ފައިދާ ވާނެ ކަންކަމުގައި ގުޅުން ބަދަހިކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ އުނދަގޫތަކުން އަވަހަށް ސަލާމަތްވެ ޓޫރިޒަމް ސިނާޢަތް ތަރައްޤީ ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ޕާކިސްތާނު ހިމެނެނީ 4 ވަނައަށް އެންމެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޤައުމުގެ ގޮތުގައެވެ. އެގޮތުން ޕާކިސްތާނުން މިހާތަނަށް 284,660 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، 6,097 މީހުން ވަނީ މިބަލީގައި އެޤައުމުން މަރުވެފައެވެ. 260,764 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19ގެ އޭޝިޔާގެ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ 31 ވަނައިގައެވެ. ރާއްޖެއިން މިހާތަނަށް 5,041 މީހުން ޕޮޒިޓިވްވެ، 19 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 2,804 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.