ޚަބަރު

ލ. އަތޮޅުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ނުވޭ: އެޗްޕީއޭ


ލ.އަތޮޅުން މީހަކު ޕޮޒިޓިވްވީކަމަށް މީޑިއާގައި ފަތުރާ ވާހަކައަކީ ޞައްޙަ ޚަބަރެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މާލެ ދަތުރުކުރާ ބޯޓަކުން ނެގި ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިބޯޓު އޮތީ މާލޭ ފަޅުގައިކަމަށާއި މާލޭ ފަޅުގައި ބޯޓު އޮންނަތާ މިހާތު 10 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ފަސްހާހަށްވުރެ މައްޗަށް އަރާފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުންވެސް މިހާރު މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ. އެގޮތުން މާލޭއިން ރަށްރަށުގެ ހޯމް ކަރަންޓީނަށް ގޮސްފައިވާ މީހުންގެތެރެއިން ބައެއް މީހުން މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން މިހާތަނަށް މާލޭގެ އިތުރުން އިތުރު ނުވަ ސަރަޙައްދަކުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ.

މިވަގުތު ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށަކީ:

  • ހއ އަތޮޅު: ކެލާ، އިހަވަންދޫ، ފިއްލަދޫ
  • ހދ އަތޮޅު: ނާވައިދޫ
  • ބ އަތޮޅު: ކުޑަރިކިލު، ކަމަދޫ
  • ރ އަތޮޅު: އިނގުރައިދޫ، ހުޅުދުއްފާރު
  • ޅ އަތޮޅު: ހިންނަވަރު
  • ކ އަތޮޅު: މާފުށި
  • ވ އަތޮޅޫ: ފުލިދޫ
  • ޏ އަތޮޅު: ފުވައްމުލައް
  • ސ އަތޮޅު: ހިތަދޫ



އަށްރަށުގައި މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އެޗްޕީއޭއިންވަނީ މިހާރު މާލެއިން ރަށްރަށް ދިޔުމުގައި ކުރިން އޮތް އުސޫލު އިތުރަށް ހަރުކަށިކޮށްފައެވެ. ހަމައެއާއެކު ރަށްރަށުގައިވެސް މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.