ވިޔަފާރި

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް ޙާއްސަ ހޮޓްލައިނެއް ޤާއިމްކޮށްފި


ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ޙާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޤާއިމްކޮށްފިއެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނީ މިފަދަ ހޮޓްލައިނެއް ޤާއިމްކުރުމުގެ ބޭނުމަކީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށްކަމަށެވެ. ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ޤާއިމްކުރި ހޮޓްލައިން ނަންބަރަކީ 3339237 އެވެ. މި ނަންބަރުން ޙިދުމަތް ލިބޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.

ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް ޙާއްސަ ހޮޓްލައިނެއް އެ މިނިސްޓްރީން ކަނޑައެޅިއިރު މިހާރުވެސް އެކި ކަންކަމުގައި ގުޅަން ވަކި ޙާއްސަ ހޮޓްލައިން ނަންބަރުތައް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯދުމަށާއި، ގަސްކާނާއާއި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާބެހޭ މައުލޫމާތު ސާފުކުރުން ހިމެނެއެވެ. މީގެއިތުރުން ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމުގެ އިތުރުން ވެޓެރިނަރީ ކްލިނިކްގެ ޙިދުމަތް ހޯދުމަށް ގުޅަން ވަކި ޙާއްސަ ނަންބަރުތަކެއް ވަނީ ކަނޑައަޅާފައެވެ.

ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަމްރީނު ދިނުމަށް މިހާރުވެސް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށައް އެ މިނިސްޓްރީގެ ފަންނީ ބޭފުޅުން ޒިޔާރަތްކޮށް ދަނޑުވެރިކަން ކުރަންވީ ރަނގަޅު ގޮތްތައް އަންނަނީ ބުނެދެމުންނެވެ.