ވިޔަފާރި

މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ގަތުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި


މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުގައި ގަތުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.

މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫޢަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ހިންގި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެކެވެ.

މި މަޝްރޫގެ ދަށުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފަށާފައެވެ. މި 4 ރަށުގެ 19 ގޭބީސީއަކަށް މަޝްރޫޢުގެ ޚަރަދުގައި ކުދި ފާނައާއި، ކޮށްޓާއި، މަސްކާނާ ދަނީ ހަވާލުކުރަމުންނެވެ. މިހާތަނަށް ފާނަ ދޫކޮށްފައި ވަނީ މަހިބަދޫއާއި އޮމަދޫން ހޮވާލެވުނު ޖުމްލަ 11 ފަރާތަކަށެވެ.

ނީލަމުގައި ވިއްކާލަން ފިޝަރީޒް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ އދ. މަހިބަދޫގެ 7 ފަރާތަކުން ބޮޑުކޮށްފައިވާ ފާނަތައްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ގަތުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު 7 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް 1000 ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު އެ މިނިސްޓްރީން ވަނީ ދީފައެވެ. މިހާތަނަށް ބަހިބަދޫން 3353 ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑެވެ.

ނީލަމުގައި ފާނަ ވިއްކާލުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައެވެ.

ނީލަން ފެށޭ އަގަކީ ފާނައަކަށް 100 ރުފިޔާއެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ 5 ރުފިޔާއެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ 10 ރުފިޔާއެވެ. ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. ފާނަ ގަތުމަށް ހުށަހަޅާ އަގު، މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަން ޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ 2017 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް ތަރައްޤީކޮށް، ހިންގާ ބަލަހައްޓައި، ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތުގެ މަސައްކަތްތައް ހަރުދަނާކުރުމެވެ.