ވިޔަފާރި

ރާއްޖޭގެ ފަތުުރުވެރިކަމުގެ ބްރޭންޑާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް ސަރވޭއެއް ފަށައިފި


ރާއްޖޭގެ ފަތުުރުވެރިކަމުގެ ބުރޭންޑާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ސަރވޭއެއް ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހާރު ބޭނުންކުރަނީ 'މޯލްޑިވްސް، ދަ ސަނީ ސައިޑު އޮފް ލައިފް' އެވެ. މިއީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަން ފަށާފައިވާ ސްލޯގަންއެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދުމުގެ ބޭނުމަކީ ކުރިމަގުގައި ރާއްޖޭގެ ބުރޭންޑު އިތުރަށް ވަރުގަދަކޮށް، އެކި މަރކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުުރުމުގައި ގެންގުޅޭނެ އުސޫލުތަކެއް ކަނޑައެޅުންކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިސްފައިވަނީ މަތީ ފަންތީގެ ޙިދުމަތް ލިބޭ ރިސޯޓުތަކުންނެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތައް ތަރައްޤީކޮށްފައި ވަނީ ކޮންމެ ރަށެއްގައި ވަކި ރިސޯޓެއް ހިންގުމުގެ ކޮންސެޕްޓަށެވެ.

ނަމަވެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ ވަރަށް ބޮޑަށް ސިންދަފާތުވެފައެވެ. އެގޮތުން ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓެލްތައް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުޙިއްމު ބަޔަކަށް ވެފައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ތަފާތު ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.