ޚަބަރު

ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް


ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ. ޢަބްދުﷲ މައުސޫމް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވައިފިއެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މައުސޫމް އައްޔަންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ ޢައްޔަންކުރުމުގެ ކުރިން ޑރ. މަޢުސޫމް ހުންނެވީ ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ. ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ޑރ.މައުސޫމް ވަނީ ކުރީ ސަރުކާރުތަކުގައިވެސް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޓްއަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކުން ޑރ މައުސޫމް ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައްވަނީ ފުރުއްވާފައެވެ. މީގެއިތުރުން ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ޑރ މައުސޫމް ވަނީ ފުރުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ޑރ. މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ހޯއްދަވާފައެވެ. ޕިއެޗްޑީއަށް ޑރ މައުސޫމް ތީސިސް ލިޔުއްވީ " އެންކެލޭވް މައިކްރޯ އައިލެންޑް ޓުއަރިޒަމް" އިންނެވެ. ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ