ޚަބަރު

ކޯވިޑް-19 : އިސް ސަފުގައި މަސައްކަތްކުރާ 1045 މުވައްޒަފަކަށް 13.4 މިލިއަން ރުފިޔާ ދޫކޮށްފި


ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި ޙަރަކާތްތެރިވާ 1045 މުވައްޒަފަކަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެލަވެންސްގެ ގޮތުގައި ދޫކޮށްފިއެވެ. ކޯވިޑް-19ގެ ޙާލަތުގައި އެންމެ ކުރީ ސަފުގައި ނުވަތަ ފްރޮންޓްލައިންގައި މަސައްކުރާ މީހުންނަށް އެލެވަންސް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީސަފުގައި މަސައްކަތްކުރާ އިތުރު 825 މީހަކަށް ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. މިއާއެކު މިހާތަނަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ 1045 މުވައްޒަފަކަށް 13.4 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ އިތުރު މުވައްޒަފުންނަށްވެސް އެލަވެންސް ވަރަށް އަވަހަށް ދޭނެކަމަށާއި، އެމަސައްކަތް ބާރަށް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައި ވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.