ޚަބަރު

ކުޑަކުދިންނާގުޅޭ ދެ ޤާނޫނު ތަންފީޒުކުރުމަށް ސްޓިއަރިންގ ކޮމިޓީއަކާއި، ވަރކިންގ ގްރޫޕެއް


ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތްތައް ކުރުމަށް ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލައިފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ އިސްނެގުމުގެ މަތިން އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކޮށް، އެ މަސައްކަތް ކުރުމަށްޓަކައިވަނީ ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލަވާލާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މި ދެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ތަޞްދީޤުކޮށްފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަންފަށާނީ އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.