ވިޔަފާރި

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައިފި


ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، ސަރުކަރުގެ މި ނިންމެވުމަކީ މަސްވެރިކަން ކުރިއަރުވައި އައު ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއްކަމަށެވެ. މީގެ މަޤްސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހަކުން އަގުއެއްކުރި ނުވަތަ ވެލިއުއެޑަޑް އުފެއްދުންތައް އުފެއްދުމެވެ. މީގެއިތުރުން ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި މަޝްރޫއުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ކަޅުބިލަމަހުގެ މަސް ގަތުމުގެ ހުއްދަ ދިނުމުގައި އެ މިނިސްޓްރީން ވަކި ހަމަތަކަކަށް ބަލާނެއެވެ. އަދި ޕްރޮފޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިން ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ގައިޑްލައިންގައިވާގޮތުން މަސް ގަތުމުގެ ހުއްދަ ދޫކުރާނީ ހަމައެކަނި ދިވެހިރާއްޖޭގައި އަގު އެއްކޮށް މަސް އެކްސްޕޯޓްކުރުމަށް ހުށައަޅާ ފަރާތްތަކަށެވެ. އަދި ހުއްދަދޭ ކޮންމެ ފަރާތަކީ ދިވެހިރާއްޖޭގައި ޝޯ-ބޭސްޑް އިންވެސްޓްމަންޓެއް ޤާއިމްކުރަންޖެހޭނެ ފަރާތެކެވެ. އެގޮތުން މަސް ގަތުމުގެ ހުއްދަދޭ ތާރީހުން ފެށިގެން 3 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

މަސް ގަތުމުގައި ކަލެކްޓަރ- ބޯޓު ބޭނުންކުރަން ޖެހޭނެކަމަށާއި، އަދި މަސް ގަންނަން ވާނީ މަސް ގަންނަ އެންމެ ދަށް އަގަށްވުރެ ކުޑަނުވާނެގޮތެއްގެ މަތިންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި އުސޫލުގައިވާގޮތުން މަސްގަތުމުގެ ވިޔަފާރީގައި އިންވެސްޓްކުރާ ފަރާތަކުން މަސްވެރިކަން ކުރުމަށް އުޅަނދު ނެރުމަކީ މަނާކަމެކެވެ. އަދި މިފަދަ ފެސިލިޓީއަކަށް ބޭރުގެ އުޅަނދަކުން މަހެއް ނުގަނެވޭނެއެވެ.