އަތޮޅުތައް

ތ.ވަންދޫގައި ފޯރިގަދަ މަސްރޭހެއް ބާއްވައިފި


ޕްރިމާ ކޮއްތުމީ ނޫޑްލްސް މަސްރޭސް 2015ގެ ނަމުގައި ތ.ވަންދޫގައި ފޯރިގަދަ މަސްރޭހެއް ބާއްވައިފިއެވެ. މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މި މަސްރޭހުގައި ޖުމްލަ 5 ޓީމެއް ބައިވެރިވެފައިވެއެވެ. މިމަސްރޭހުން އެކިވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ.މިމުބާރާތުން އެއްވަނަ އަށް "ސައުދު" ޓީމު ހޮވުނުއިރު ދެވަނަ ޓީމަކަށް ހޮވިފައިވަނީ ބާނިޓީމެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޖަލްގަލް ޕީޕީއެވެ.މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ މަސްބޭނި ޓީމަކަށް ހޮވިފައިވަނީ ބާނި ޓީމެވެ. މިމުބާރާތުގައި އެންމެ ބަރުމަސް ބޭނި ކެޔޮޅަކަށާއި އެންމެ އާދަޔާހިލާފް މަހެއް ބޭނި ކެޔޮޅަކަށް ހޮވުނީ ސައުދުއްﷲ ޖައުފަރެވެ. އަދި ފަސްފޫޓް ހުރި ފަރުތޮޅިއެއް ބާނައިގެން އެންމެ ދިގުމަސްބޭނި ކެޔޮޅަކަށްވެސް ހޮވިފައިވަނީ އޭނާއެވެ. ޕްރިމާ ކޮއްތުމީ ނޫޑްލްސް މަސްރޭސް 2015 އަކީ ވަންދޫ ކައުންސިލާއި، ކޮއްތުމީ ނޫޑްލްސް ރާއްޖެއަށް އެތެރެކުރާ ކުންފުނި، ނަމްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ މަސްރޭހެއްކަމަށް ވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. މިމަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ވަންދޫ ކައުންސިލުން އެކުލަވާލައިފައިވާ ހާއްސަކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.ޕްރިމާ ކޮއްތުމީ ނޫޑްސް މަސްރޭހަކީ މިއަހަރުގެ މަސްވެރިންގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މަސްރޭހެއްކަމަށާއި މި މުބާރާތަށް ރަށު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ވަންދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. މަސްވެރިންގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވަންދޫގައި އަދިވެސް އިތުރު ހަރަކާތްތައް ރާވާފައިވާކަމަށް ރަށު ކައުންސިލުން މައުލޫމާތުދެއްވައެވެ.