މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރުމަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އިގުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރަކީ 40 އަހަރުވީ ޕޯޓެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން ޕޯޓުގެ ޚިދުމަތް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޕޯޓަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ރާއްޖޭގެ އިގުތިޞާދު އިތުރު މިސްރާބަކަށް ގެންދިއުމުގެ މަގުސަދުގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މިސަރުކާރުން ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ފަށައިގެން ހަމަ ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާކަން މިބޭފުޅުން ދެންނެވީ. އެހެންވީމަ އިރާދަކުރެއްވިއްޔާ ބައެއް އޮޕަރޭޝަންތައް އޮކްޓޫބަރު މަހު ތިލަފުއްޓަށް ބަދަލުކުރެވިގެންގޮސް އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށްދާއިރު، މިހާރު ޕޯޓަށްވުރެ އެތައް ގުނައަކަށް ބަދަލުވެގެން މިތަން މިއަންނަނީ." އިގުތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އޮކްޓޫބަރުމަހު ތިލަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ހިއްސާކުރައްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޫބަރަށް ނިންމާލެވޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ގެނެސް މަގަތުފާލަން ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ.
ޝަފީޤު ވިދާޅުވީ، ތިލަފުށިން ކްލިއަރކުރާ މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ދޭނެ ކަމަށެވެ. އަދި މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްވެސް 24 ގަޑިއިރުގެ ތެރޭގައި ދޭނެ ކަމަށް ޝަފީޤު ވިދާޅުވިއެވެ.
"މާލޭގައިވެސް އަޅުގަނޑުމެން އިންނާނެ 100 މީޓަރުގެ ކީވޯލެއް. އަދި މިހާރު މިތާގަ (ތިލަފުށީގައި) ވެސް މިހެދީ އާޓިފިޝަލް 100 މީޓަރުގެ ކީވޯލެއް. އެހެންމަ ސައިމަލްޓޭނިއަސްކޮށް ދެ ބަނދަރުން މަސައްކަތް ކުރެވިގެންދާއިރުގައި، މިހާރު މާލޭގައި އަދި އޮކްޓޫބަރުގައި ތިލަފުށީގައި އެއްވަރަކަށް މަސައްކަތް ހިނގާނެ ދެ ބަނދަރުގައިވެސް އޭރުން." އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ %80 ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަދާހަމަ ވިޔަފާރިވެރިންނަށް ހިއްސާކުރުމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އެރަށަށް ވަނީ ޒިޔާރާތެއް ކުރައްވާފައެވެ. މި ޒިޔާރާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައިވާއިރު، އިމްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ބަނދަރުގެ ޚިދުމަތްތައް ބަދަލުވާނެގޮތްތައް ވަނީ ހިއްސާކުރައްވާފައެވެ.