ޚަބަރު

ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުގެ ބައެެއް ގެތަކަށް ފެންވަދެއްޖެ


ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ.

ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ އެރަށުގެ 5 ގެއަކަށް ވަނީ ފެންވަދެފައެވެ. ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ ނޮޅިވަރަމާއި ހދ މަކުނުދޫގައިވެސް ވަނީ ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެފައެވެ. އެގޮތުން ނޮޅިވަރަމްގެ 3 ގެއަކަށް ފެންވަދެގެން ކައުންސިލާއި ފުލުހުންނާއި އާންމުންވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެރަށުގެ މަގުތަކުން ފެން ހިންދުމަށްޓަކައި އެރަށުގެ ކުޅިން މޫދަށް ކޯރެއް ކަނޑާފައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި އެގޮތަށް އަމަލުކުރުމުން 5 ވަރަކަށް ގަޑިއިރުތެރޭ ރަށުތެރޭން ފެން ހިނދޭނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ހދ މަކުނުދޫ ކައުންސިލުން ވިދާޅުވީ އެރަށުގައި ފެންބޮޑުވެ 1 ގެއަށް ފެންވަދެފައިވާކަމަށެވެ. އެގެއިން ފެން ހިއްކައި ވެލިބަސްތާޖެހުމުގައި ފުލުހުންނާއި އާންމުންވެސް ހަރަކާތްތެރިވަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ރަށުތެރޭން ފެން ހިންދުމަށްޓަކައި ޕްންޕް ޖަހައިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ އުތުރަށް، ޔެލޯ އެލަރޓް ނެރެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅުގެ ދެމެދުގެ ސަރަހައްދުގެ ރަށްތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.