އަތޮޅުތައް

އޭދަފުށީ ހިއްކިބިމުގައި އަލުން ރިވެޓްމަންޓް ޖެހުމަށް އަންގައިފި


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ހިއްކިބިމުގައި ޖަހާ ރިވެޓްމަންޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ފެންވަރު ދަށްވުމާ ގުޅިގެން އެމަސައްކަތް އަލުން ކުރުމަށް ހައުސިން މިނިސްޓްރީން ހޯގާޑް ކުންފުންޏަށް އަންގައިފިއެވެ.ހައުސިން މިނިސްޓްރީން ކޮންޓްރެކްޓަރަށް މިމަސައްކަތް އަލުން ކުރުމަށް އެންގީ އެމަސައްކަތުގެ ދަށުން 20 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވަނިކޮށް ހައުސިން މިނިސްޓްރީގެ ޓީމެއް އޭދަފުއްޓަށް ކުރި ދަތުރުގައި އެކަން ބެލުމަށްފަހުކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.އޭދަފުށީ ކައުންސިލްގެ ނާއިބްރައިސް މުހައްމަދު ނައުރީފް ވިދާޅުވީ ރައްޔިތުންގެ ޝަކުވާއާއި ގުޅިގެން ހައުސިން މިނިސްޓްރީން އޭދަފުއްޓަށް ދިޔަ ޓީމުން ބެލިބެލުމުން މަސައްކަތުގެ ފެންވަރު ދަށްވުމުގެ އިތުރުން، އިތުރު ކަންކަންވެސް ފާހަގަކޮށްފައިވާކަމުގައެވެ.ނައުރީފް ވިދާޅުވީ މިހާރު ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދަށް އަޅާފައިވާ ހިލަ ކުދިވުމާއި، ހިލަޖެހުމުގެ ކުރިން މޫދުތެރެ ނުކޮންނަމައްސަލައިގެ އިތުރުން ހިލަ ޖަހާ ބޯމިނުގެ މައްސަލަވެސް ހައުސިން މިނިސްޓްރީން ފާހަގަކޮށްފައިވާކަމުގައެވެ. އަދި މިމަސައްކަތް ހައުސިން މިނިސްޓްރީން އެދޭ ފެންވަރަށް ރަނގަޅު ކޮށްދޭނެކަމުގެ ޔަގީންކަން ހޯގާޑް ކުންފުނީގެ އިސްވެރިން މިއަދު ކައުންސިލަށް ދީފައިވާކަމަށްވެސް ނައުރީފް ވިދާޅުވިއެވެ.އޭދަފުށީގެ ހިއްކިބިމުގެ ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯގާޑުން އެރަށުގެ ދެކުނުފަރާތުގެ ތޭރަސަތޭކަ މީޓަރު ދިގު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.2014 ވަނަ އަހަރު ސަރުކާރުން ކުރިޔަށްގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން 26 ހެކްޓަރުގެބިން ހިއްކާފައިވެއެވެ.