ކުޅިވަރު

ކޯޗެއްގެ ގޮތުގައި ވެން ޕާސީ އެނބުރި ފެޔަނޫޑަށް


ނެދަލޭންޑްސްގެ ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީ ފުޓުބޯޅައިން ރިޓަޔާ ކުރުމަށްފަހު އަނެއްކާވެސް އޭނާގެ ކުޑައިރުގެ ކުލަބު ފެޔަނޫޑް އާއި ގުޅިއްޖެއެވެ.

ފެޔަނޫޑް އަކީ ވެން ޕާސީ ރިޓަޔާމަންޓް އިޢުލާން ކުރުމުގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ފަހުން ކުޅުނު ކުލަބުވެސްމެއެވެ. އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ވެން ޕާސީ މިފަހަރު ފެޔަނޫޑާއި ގުޅިފައިވަނީ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެއެވެ. އޭނާ އެކުލަބާއި ގުޅުނީ ކޯޗެއްގެ ގޮތުގައެވެ.

ފެޔަނޫޑުން ބުނީ، ވެން ޕާސީ މަސައްކަތް ކުރާނީ ހެޑް ކޯޗު އެޑްވޮކާޓްގެ ދަށުން ޓީމުގެ ފޯވާޑުން ޓްރެއިން ކުރުމުގައި ކަމަށެވެ. އުމުރުން 37 އަހަރުގެ ވެން ޕާސީ ބުނީ މިއީ ރަސްމީ މަޤާމެއްނޫން ކަމަށާއި، ނަމަވެސް އޭނާއަށް ޓީމު މޮޅުކޮށްދޭން ކޮށްދެވޭނެ ކަންތައްތައް ބަލާނެކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ވިސްނާނީ ހަމައެކަނި ފޯވާޑް ޓްރެއިނަރެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ.

އާސެނަލް އާއި ޔުނައިޓެޑަށްވެސް ކުޅުމަށްފަހު ވެން ޕާސީ އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އެނބުރި ކުޑައިރުގެ ކުލަބު ފެޔަނޫޑާއި ގުޅުނީ 2018 ވަނަ އަހަރުއެވެ. އޭނާ ކުޅުން ހުއްޓާލީ ފެޔަނޫޑަށް އެއް ސީޒަން ކުޅެދިނުމަށްފަހުއެވެ.