ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރީގެ ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން- ޔާސިރު


ރައީސް ޞާލިހުގެ ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތަކުން ލިބޭ އާމްދަނީން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުންކަމަށް ކުޅުދުއްފުށި އުތުރު ދާއިރާ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ވިސްނުން ގެންގުޅެފައިވަނީ އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީން ދައުލަތް ހިންގުމަށްކަމަށެވެ. ނަމަވެސް މިސަރުކާރުގެ އަމާޒަކީ ޓެކްސް އާމްދަނީން ދައުލަތް ހިންގުންކަމަށާއި، އެސިޔާސަތުގެ ދަށުން ކަސްޓަމް ޑިއުޓީ ނަގަމުންދިޔަ އެތައް މުދަލަކުން ޑިއުޓީ ކުޑަކޮށް، ނުވަތަ ކަނޑާލާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިވެރިން ކަސްޓަމަށް ދައްކަންޖެހޭ ޑިއުޓީ ކުޑަވެ، ތަކެތީގެ އަގުހެޔޮވެ، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްވެފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު މީގެކުރިން ސީއައިއެފް އަގުން ޑިއުޓީ ނަގަމުން ދިޔަނަމަވެސް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިއުޓީ ނަގަމުންދާނީ އިންޝުއަރެންސާއި، ފްރައިޓް ނުލައެވެ. ޔާސިރު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ކަސްޓަމް ޑިއުޓީގެ ގޮތުގައި ލިބެމުންދިޔަ އާމްދަނީ އެތައް މިލިޔަން ރުފިޔާގެ ގެއްލުނު ނަމަވެސް، ވިޔަފާރުތަކުން ލިބޭ ޓެކްސްތައް އިތުރުވެގެންދާނެކަމަށެވެ.

"މީގެކުރިން ކަސްޓަމްސްއިން ޑިއުޓީ ނަގަމުން އައީ ސީއައިއެފްކޮށް، މާނަޔަކީ ކޯސްޓާއި، އިންޝުއަރެންސާއި، ފްރައިޓާއިވެސް އެއްކޮށްގެން އެއަގުގެ ޑިއުޓީ ނަގަމުން މިއަންނަނީ. އެހެން ނަމަވެސް އަޅުގަނޑުމެން މިފާސްކުރި ޤާނޫނުގައި މިހާރު ދެން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިއުޓީ ނަގަމުންދާނީ އިންޝުއަރެންސާއި، ފްރައިޓް ނުލައި. އެބަދަކުވެގެން މިދިޔައީ އެފްއޯބީކޮށް ޑިއުޓީ ނެގުމަށް. އޭގެ ސަބަބުން ދެން ދައުލަތަށް 178 މިލިޔަން ވަރު ހަމަ ގެއްލުން ވެގެން ހިނގައިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ ވިޔަފާރުތައް ކުރިއަރައި ވިޔަފާރިތަކުން އެލިބޭ ޖީއެސްޓީއާއި، އެހެންނިހެން ޓެކްސްތައް އިތުރުވެގެން ދިޔާމަ ދިވެހި ރައްޔިތުންނަށްހަމަ އޭގެ ފައިދާ ލިބިގެންދަނެކަމަށް" ޔާސިރު ވިދާޅުވިއެވެ.

ޤާނޫނެއް ހެދުމުގައިވެސް އަދި ހުރި ޤާނޫނުތަކަށް ބަދަލު ގެނައުމުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ލުއިގޮތްތައް ހޯދުމަށްކަމަށް ޔާސިރު ވިދާޅުވިއެވެ. ޤާނޫނު އަސާސީއެއް ރާއްޖޭގައި ތަޢާރަފްވި ފަހުން ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި ހެދިފައިވާ ޤާނޫނުތަކުން ރައްޔިތުންނަށް ތަކުލީފް އުފުލަންޖެހިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ. ނަމަވެސް މިއަދު ޤާނޫނުތަކަށް އިސްލާހު ގެނެސް ބަދަލުކުރަމުން ދަނީ ދައުލަތަށް ގެއްލުންތަކެއް ވިޔަސް ރައްޔިތުންނަށް ފައިދާއާއި މަންފާ ކުރާނެ ގޮތަށްކަމަށް ޔާސިރު ވިދާޅުވިއެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާއިއެކު އަތޮޅުތެރޭގެ ރައްޔިތުންނަށް މަންފާތަކެއް ލިބި ވިޔަފާރިތަކަށް ލުއިގޮތްތަކެއް ފަހިވެފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ. އެގޮތުން ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކޮށްފައިވާއިރު މުދާ ގުދަންކުރުމުގައިވެސް މިކަމުގެ ސަބަބުން ފައިދާތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބިލެއް ފާސްކުރާއިރު އެންމެބޮޑު ވިސްނުމަކީ ރައްޔިތުންނަށް ފަހި ފަސޭހަ ގޮތްތަކެއް ހޯދުން. މިހަތަނަށް ހެދިފައިވާ ގިނަ ގާނޫނުތަކަކީ ރައްޔިތުންނަށް ފަސޭހަތަކަށްވުރެ ތަކްލީފް އުފުލަންހުރި ގާނޫނަތައް. މިބިލުގެ އެންމެބޮޑު މަގްސަދަކީ ރައްޔިތުންނަށް ލުއިތަކެއް ހޯދުން. މިޤާމޫނާއިއެކު ވަރަށްގިނަ ތަކެތިން 40 ޕަސެންޓު މުދަލުން 0 ޕަސެންޓް. 50 ޕަސެންޓަށްވުރެ މަތިން ބޮޕޑު ޑިއުޓީއެއް ނަގަނީ 4 ޕަސެންޓުވަރަކަށް. މިއަދު ދައުލަތަށް މިކަމުން ގެއްލުން ވިޔަސް ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދުން" ޔާސިރު ވިދާޅުވިއެވެ" ޔާސިރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފައިވަނީ ޖުލައިމަހުގެ 23 ވަނަ ދުވަހުގައެވެ. މިޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.