ޚަބަރު

ސީޑިސީގެ ކުދިންނަށް ދިރާގުގެ ހަދިޔާ


ކެއަރ ސޮސައިޓީގެ ކެއަރ ޑިވެލޮޕްމެންޓް ސެންޓަރުގައި ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން އެތަނުގައި ކިޔަވާދިނުމަށް ބޭނުންވާ މުހިއްމު ވަސީލަތްތަކެއް ދިރާގުގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ކެއަރ ސޮސައިޓީގައި ބޭއްވި ހަފްލާގައި ދިރާގުގެ ފަރާތުން ކެއަރ ސޮސައިޓީއަށް މިތަކެތި ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދުއެވެ. މިކަމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރެވުނު ކަމެއްކަމަށާއި އެގޮތުން ކުޑަކުދިން ހިމާޔަތް ކުރުމުގައި އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ވަރަށް މުހިއްމު ބައެއްކަމަށް ދިރާގުން މައުލޫމާތުދެއެވެ. ކެއަރ ސޮސައިޓީގެ ކެއަރ ޑިވެލޮޕްމެންޓް ސެންޓަރަށް ދިރާގުގެ ފަރާތުން މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ކޮމްޕިއުޓަރ ސިސްޓަމާއި، ލެޕްޓޮޕާއި، އައިޕެޑް، ޓެބްލެޓްސް، އަދި ފްލޭޝް ޑިސްކްގެ އިތުރުން ޕްރިންޓަރަކާއި އެތަނުގެ ވޮކޭޝަނަލް ކްލާހަށް ބޭނުންވާ ބައެއް ސާމާނުތަކެވެ. ދިރާގުން މިއަދު ހަދިޔާ ކުރިތަކެއްޗަކީ ކެއަރ ޑިވެލޮޕްމެންޓް ސެންޓަރ ހިންގުމަށް މިވަގުތު ވަރަށް ބޭނުންވެފައިވާ ތަކެތިކަމަށް ކެއަރ ސޮސައިޓީން މައުލޫމާތުދެއެވެ. އަދި މިފަދަ އިތުރު އެހީތައް އެކި ފަރާތްތަކުން އެސެންޓަރަށް ލިބެމުންދިއުމަކީ އުއްމީދެއްކަމަށްވެސް ކެއަރ ސޮސައިޓީން ވަނީ ބުނެފައެވެ.