ވިޔަފާރި

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބެލުމަށްފަހު ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭކަމަށެވެ. 2 ޑިރެކްޓަރުން އިންތިހާބު ކުރާނީ މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައިކަމަށް އެމްޓީސީސީން ބުނެއެވެ.

ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޓީސީސީގެ ޙިއްސާދާރެއްކަމުގައިވުމާއި ތަޢުލީމީ ބޭފުޅަކަށްވުމާއި ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

2019ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރުންގެ ޑިރެކްޓަރުކަމުގެ މުއްދަތަކީ 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޙުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"ފުރިހަމަ ކުރުމަށްފަހު ކޮމްޕެެނީ ސެކްރެޓަރީއަށް އެޑްރެސްކޮށް، އެމްޓީސީސީގެ ހެޑް އޮފީހަށް ނުވަތަ އީ-މެއިލް އަށް ފޮނުވުމަށް އެކުންފުނިން އެދެއެވެެ.