ޚަބަރު

ކޯވިޑް-19 : ކުޑަރިކިލުގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ


ބ.ކުޑަރިކިލުގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮޒިޓިވްވެފައިވަނީ އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް އެޗްއޯއީސީން ވިދާޅުވެއެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ގޭގައި ކަރަންޓީންގައި ހުރި މުއްދަތު ހަމަ ކުރުމަށް ފަހު ކޯވިޑް-19އަށް ޓެސްޓް ކުރުމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްޙަންނާން އައްބާސް ވިދާޅުވީ އެމީހާ އެ ރަށަށް ގޮސްފައިވަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ކަރަންޓިން ވުމުގެ އުޞޫލާ އެއްގޮތަށް މިދިޔަ މަހުގެ 23ވަނަ ދުވަހުކަމަށެވެ. އަދި އެމީހާއަކީ ކުރިން އެރަށުގައި ހިންގަމުން އައި ކެފޭއެއްގައި މަސައްކަތް ކުރި މީހެއްކަމަށާ، އެމީހާ އަލުން އެރަށައް ގޮސްފައިވަނީ އެ މަސައްކަތް ކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ ކަރަންޓީންގައި އެމީހާ ހުރި ގޭގައި އިތުރު ބަޔަކު ނޫޅޭނެކަމަށާއި އެމީހާއާ އެއްވެސް މީހާކާ ދިމާވެފައިވެސް ނުވާކަމަށެވެ. އަދި އެމީހާގެ ހާލު އެރަށު ސިއްޙީ މަރުކަޒުން ބަލަމުން އަންނަކަމަށް ހަންނާން ވިދާޅުވިއެވެ.

ކުޑަރިކިލުން ކޯވިޑް-19އަށް ޕޮޒިޓިވް މީހެއް ފެނުމުން މިހާރު ރަށުގައި މާސްކު އަޅައިގެން އުޅުމަށާއި އެއްވެ ނޫޅުމަށް ރަށު ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.