މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް އެކުވެރި ޤައުމުތަކުގެ ޙިއްސާ ބޮޑުކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބޭއްވި ވަރޗުއަލް ރިސެޕްޝަންގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން މިނިވަންކަމަށް ކުރި ދަތުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބޭއްވި ވަރޗުއަލް ރިސެޕްޝަންގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ދުސިތު މަނަޕަންއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާބެހޭ ގޮތުންނާއި، ކޯވިޑް-19އިން އަރައިގަތުމަށް ތައިލެންޑް ފަދަ އެކުވެރި ޤައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޚާއްސަ ވީޑިއޯ މެސެޖެއް ވަނީ ދައްކާލާފައެވެ. މި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ ތައިލެންޑް ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މީގެ 55 އަހަރުކުރިން ރާއްޖެއިން މިނިވަންކަން ހޯދިއިރު ރާއްޖެއަކީ އެންމެ ކުޑަ އަދި އެންމެ ފަޤީރު ޤައުމުކަމަށެވެ. މި ސަބަބައްޓަކައި ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުން ބަލައިގަތުމަށް ކުރި މަސައްކަތް އުނދަގޫވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެކުވެރި ޤައުމުތަކުގެ އެހީއާއެކު މިނިވަންކަން ހޯދިތާ އެންމެ ދެ މަސްދުވަހުގެ ތެރޭ އދ.ގެ 117ވަނަ ޤައުމަކަށް ރާއްޖެ ވުމަކީ، ރާއްޖެއިން އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން ހާމަކޮއްދޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު ވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން، ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އޮންނަ ގުޅުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯވިޑް-19އިން އަރައިގަތުމަށް ތައިލެންޑް ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.