ތަޢުލީމު

އޭ ލެވެލް އިމްތިޙާނު އަހަރުގެ ފަހުކޮޅު ބާއްވަން ނިންމައިފި


މަތީސާނަވި އިމްތިހާން އަހަރުގެ ފަހުކޮޅު ބާއްވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.މިގޮތަށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވަނީ މިނިސްޓްރީއާއި، މިއިމްތިހާން ކުރިއަށް ގެންދާ ޕިއާސަން އެޑެކްސެލްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަތީ ސާނަވީ އިމްތިހާން ނުވަތަ އޭލެވެލް އިމްތިހާން މިހާރު ބާއްވަމުން އަންނަނީ އަހަރުގެ މެދުތެރޭގައި، މޭއި - ޖޫންގައެވެ. އަދި ސާނަވީ އިމްތިހާން ބާއްވަމުން އަންނަނީ އަހަރުގެ އޮކްޓޫބަރ - ނޮވެމްބަރުގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މަތީ ސާނަވީ އިމްތިހާން އަހަރުގެ ފަހުކޮޅު ބާއްވަން ނިންމީ، ސާނަވީ އިމްތިހާން ނިންމުމަށްފަހު މަތީ ސާނަވީ އިމްތިހާނު ފެށުމާ ދެމެދު 6 މަސް ދުވަސް ބޭކާރުގޮތުގައި ފާއިތުވެގެންދާތީ ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށެވެ. މިގޮތަށް ނިންމުމުން ސާނަވީ އިމްތިހާން ނިންމުމަށްފަހު ސީދާ މަތީ ސާނަވީގެ ކިޔެވުން ލަސްތަކެއް ނުވެ ފެށިގެންދާނެކަމަށާއި، ނަމަވެސް މިހާރު މަތީ ސާނަވިގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް އެބަދަލު ނާންނާނެކަމަށް ވިދާޅުވިއެވެ.މަތީ ސާނަވީ އިމްތިހާނު އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެއްސި ނަމަވެސް ކިޔަވަންޖެހޭ އެއްވެސް ބަޔަކަށް އަދި އިމްތިހާން ބާއްވާ ސްޓައިލަށް އެއްވެސް ބަދަލު ނާންނާނެ ކަމަށާއި، މިބަދަލާ ގުޅިގެން ކުދިންގެ ކިޔެވުމަށް އަސަރު ނުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ. އަދި މަތީސާނަވީގެ ކިޔެވުން އަވަސްވުމާއި ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ނިމުމެއް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.