ޚަބަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު 95 އަހަރުގައި ޓިކްޓޮކަށް


އެންމެ ފަހުން ތަޢާރަފްވި އެކިކަހަލަ އެޕްލިކޭޝަންތަކުގެތެރެއިން މިހާރު އެންމެ މަޤުބޫލު ސޯޝަލް މީޑިއާ އެޕަކީ ޓިކްޓޮކޭ ބުނެވިދާނެއެވެ. އެންމެ އާއްމު މީހާގެ އިތުރުން ސެލެބްރިޓީންނާއި މަޝްހޫރު ޕޮލިޓީޝަނުންވެސް ޓިކްޓޮކް ބޭނުންކޮށް، އެތައްބައެއްގެ ޝައުގުވެރިކަންވަނީ ހޯދާފައެވެ. ޒުވާން ކުދިންނާއި ދޮށީ އުމުރުގެ އެތައްބަޔަކުވެސް މިހާރު މި އެޕްލިކޭޝަން ބޭނުންކުރެއެވެ.

އެންޓަޓެއިންމަންޓް އެޕްލިކޭޝަނެއްގޮތަށް ބޭނުންކުރާ ޓިކްޓޮކުން ފެންނަ ޗެލެންޖުތަކަކީ ކޮންމެ މީހަކުވެސް "ޓްރައި" ކޮށްލާހިތްވާކަހަލަ ޗެލެންޖުތަކެވެ.

ނަމަވެސް މިފަހަރު މި ޗެލެންޖްގައި ބައިވެރިވީ ފިލްމުކުޅޭ ސެލެބްރިޓީއެއް ނޫނީ އަރޓިސްޓެއްވެސް ނޫނެވެ. ސިޔާސީ ދާއިރާގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު މިވަނީ ޓިކްޓޮކް ބޭނުންކުރަން ފަށާފައެވެ. ބައެއް މީހުން ޓިކްޓޮކް ބޭނުންކުރަނީ އެއިން ފެންނަ މަޖާ، ޝަޢުގުވެރި ވީޑިއޯތައް ބެލުމަށެވެ. ނަމަވެސް މަހާތިރު މުޙައްމަދުވަނީ "ޓިކްޓޮކް ޗެލެންޖް"އެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރުގެ ޓިކްޓޮކް ވީޑިއޯ:

"އައި އެމް ޖަސްޓް އަ ކިޑް" ޗެލެންޖްގައި ދައްކުވައިދެނީ އެމީހުން މީގެ އެތައް އަހަރެއްކުރިން ނަގާފައިވާ ފޮޓޯ ނުވަތަ ވީޑިއޯގެ ރީމޭކެކެވެ. މަހާތިރު މުޙައްމަދުވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވެ އެތައްބައެއްގެ ޝައުގުވެރިކަން ހޯދާފައެވެ.
މަހާތިރުގެ ޓިކްޓޮކް އެކައުންޓް "ޗެޑެޓް އޮފިޝަލް" އިން ޕޯސްޓް ކޮށްފައިވާ ވީޑިއޯގައި ފެންނަނީ އަނބިކަނބަލުން ޑރ.ސީތީ ހަސްމާއާއިއެކު އެދެބޭފުޅުންގެ ކައިވެނީގެ ފޮޓޯއެއް ރީމޭކްކުރާ މަންޒައެވެ. މި ޕޯސްޓް ހިއްސާކޮށްފައިވަނީ ދެ ބޭފުޅުންގެ ކައިވެންޏަށް 64 އަހަރު ފުރުމުގެ މުނާސަބާއާއި ގުޅިގެންނެވެ. އަދި ކައިވެންޏާގުޅޭ މެސެޖެއްވެސްވަނީ މިޕޯސްޓާއެކު ހިއްސާކޮށްފައެވެ.

މި ޓިކްޓޮކް ވީޑިއޯއަށް 1.4 މިލިއަނަށްވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ. އަދި 164 ހާހަށްވުރެ ގިނަ ލައިކްވެސް މިވީޑިއޯއަށް ވަނީލިބިފައެވެ.

95 އަހަރުގެ މަހާތިރުގެ ޓިކްޓޮކް ފޮލޯވަރުންގެ އަދަދު 52 ހާހަށްވުރެވަނީ މަތިވެފައެވެ.