ވިޔަފާރި

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ޑިސެމްބަރު މަހު ބާއްވަނީ


ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2015ގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކަށް މި އަހަރުގެ ނޮވެމްބަރު މަހު އެ ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ. ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު އިންތިޒާމްކުރާ ކޮމިޓީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، މިފަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ބާވިހުގައި ދަރުބާރުގޭގައި ކަމަށާއި، އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ މައުރަޒުން ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ. ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދިވެހި ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފާއިވާކަމަށާއި، މާލޭގައި މައުރަޒު ބޭއްވުނު ކަމުގައި ވިއަސް މިނިސްޓްރީގެ ފަރާތުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސެންޓަރުތައް މެދުވެރިކޮށް އަތޮޅުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެފަރާތްތަކުގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ވަރަށް އަވަހަށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2015ގެ ޤަވާއިދު މިނިސްޓްރީގެ ފަރާތުން އާއްމުކުރާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އެގޮތުން މި މައުރަޒުގައި ބައިވެރިކުރަން ބޭނުންވާ ތަކެތި ހުށަހެޅުމަށް އަންނަ ނޮވެމްބަރުމަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ހުޅުވާލާނެކަަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮމިޓީގެ މެމްބަރު މުސްތަފާ އަބްދުލްޤަފޫރު ވިދާޅުވީ، މިފަހަރުގެ މައުރަޒުގައި 6 ދާއިރާއަކުން ޖުމްލަ 47 ގިންތިއަކުން އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުނު ރަންޔޫބީލް އަހަރުކަމުން، މިފަހަރުގެ މައުރަޒު ކުރިއަށްދާނީ މިނިވަން 50އާ ގުޅުވައިގެންކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒީ އެހަރާއި މިހާރުގެ ދިވެހި އުފެއްދުންތަކާއި މަސައްކަތްތެރިން އެއްތަނަކުން ފެންނާނެހެން ދައްކައިދިނުމަށާއި، އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް ހިތްވަރުދީ، ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި އިކޮނޮމިކް މިނިސްޓްރީން ޤައުމީ ފެންވަރުގައި ބާއްވާ މައުރަޒެކެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި ދިވެހިންގެ މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމަށް ފާއިތުވެދިޔަ ބައިގަރުނުގައި އައިސްފައިވާ ބަދަލާއި ކުރިއެރުން ދައްކައިދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.