ޚަބަރު

ދެކުނަށް ޔެލޯ އެލަރޓް ނެރެފި


ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. ޔެލޯ އެލަރޓް ނެރެފައިވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ.

އެލަރޓް ނެރެފައިވަނީ މިރޭ 1:00އާއި ހަމައަށެވެ. މެޓުން ވިދާޅުވީ މިވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހެނެކަމަށާއި، އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ވިއްސާރަވެ ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލަރޓްވެސް މިރޭވަނީ ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. 1:30އާއި ހަމައަށް ވައިޓް އެލަރޓްވަނީ ނެރެފައެވެ. މިވަގުތުގައި މި ސަރަޙައްދުތަކަށްވެސް ވިއްސާރަވެ ވައިގަދަވާނެކަމަށްވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާ ވަގުތުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި، އަދި ރަށްތަކުންވެސް ސަމާލްވުމަށް މެޓުން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރަކަށް މެޓުންވަނީ ވިދާޅުވެފައެވެ. އަދި މިހާރު ސްރީލަންކާ ސަރަޙައްދަށް މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރާނެކަމަށް ނުބެލެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ. ލައްކާ ސަރަޙައްދަށްވެސް ކުރަމުންދަނީ މޫސުމީ ވިއްސާރައެވެ.