އދ އޮމަދޫން މާލެ ގެނައި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވެއްޖެއެވެ.
މިމީހާ ޕޮޒިޓިވްވެފައި ވަނީ، ނޭވާލުމުގައި އުނދަގޫތަކެއްވާތީ މާލެ ގަނައުމަށްފަހު އައިޖީއެމްއެޗުން ހެދި ޓެސްޓުންނެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އދ. އޮމަދޫ ކައުންސިލް މެމްބަރ އަދުނާން އަބްދުﷲ ވިދާޅުވީ، އެ ރަށުން ރޭ މާލެ ގެންދިޔަ އުމުރުން 64 އަހަރުގެ އަންހެނެއް ކޯވިޑްއަށް ޕޮޒިޓިވްވެފައި ވާކަން އެރަށު ސިއްޙީ މަރުކަޒަށް އަންގާފައި ވާކަމަށެވެ. މި އަންހެން މީހާއަކީ އަބަދުވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެއްކަމަށާއި، އިއްޔެ ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވާތީ ހެލްތު ސެންޓަރަށް ދިއުމުން ވަނީ މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް ލަފާދީފައެވެ. އަދި އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުން މާލެ ގެންދިއުމަށް ލަފާދިން އިރު ރޭގެ ވަގުތެއްގައި އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ ފަރުވާދޭން ފަށާފައެވެ. އަންހެންމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ އައިޖީއެމް ހޮސްޕިޓަލުގައި ޓެސްޓު ކުރުމުންނެވެ.
އައިޖީއެމްއެޗުން ހެދި ޓެސްޓުގެ ނަތީޖާ އިން އެމީހާ ބައްޔަށް ޕޮޒިޓިވްވެވާކަން މިއަދު ހެނދުނު ހެލްތު ސެންޓަރަށް އަންގާފައިވާކަމަށް އދ. އޮމަދޫ ކައުންސިލް މެމްބަރ އަދުނާން އަބްދުﷲ ވިދާޅުވިއެވެ. އަދި މިއާއެކު އެމީހާ ދިރިއުޅުނު ގޭގެ މީހުންނަށް އެކަން އަންގައި ބޭރަށް ނުނިކުތުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ނާންގާތީ މޮނިޓަރިންނަށް ނުގެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ އދ. އޮމަދޫން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިފަހަކަށް އައިސް ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވާ މީހުން ބައްޔަށް މިންވަރު ވަނީ އިތުރުވާން ފަށާފައެވެ.